ސްރީލަންކާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.
ލަންކާއިން ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުޙަބާ ދަންނަވާފައިވަނީ އެކަމައްޓަކައި ސްރީލަންކާގެ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ރަސްމީއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަށް 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި އެމަނިކުފާނަށް ރަސްމީ ކުރުނީހެއްވެސް އަރުވާފައިވެއެވެ. ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމީއްޔާތު ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ ޤައުމީ ސަލާމުންނެވެ.
މިރަސްމީއްޔާތުގައި ސްރީލަންކާގެ ސަރުކާރުގެ އިސްވެރިން ވަނީ ބައިރިވެވަޑައިގަންނަވާފައެވެ. އަދި ދިވެހި ސަރުކާރުގެ ވަފުދުގެ ފަރާތުން މި ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.
މިރަސްމީއްޔާތަށް ފަހު ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ ތެރޭގައި، ތައުލީމާއި، ފަންނީ ތަމްރީނާއި، އިޤްޞާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަޤުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތް ކުރެވޭނެ އައު މަގުތައް ހޯދުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެއެވެ.
މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.