"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް 5 ގެ ފުރަތަމަ މެޗުގައި، ގާޒީ ސްކޫލްގެ މައްޗަށް އިސްކަންދަރު ސްކޫލުން ހަނި މޮޅެއް ހޯދައިފިއެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުޅުނު މި މެޗު، އިސްކަންދަރު ސްކޫލުން ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
އިސްކަންދަރުން ވަނީ މެޗު ފެށިގެން 5 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ގޯލު ކާމިޔާބުކޮށްފައި ވަނީ، އިސްކަންދަރުގެ ހާފު ތެރެއިން ފޮނުވާލި ދުރުން ފޮނުވާލި، ކީޕަރު ބޯމަތިން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. އިތުރު ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ އިސްކަންދަރު ސްކޫލުންނެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް، ދެވަނަ ހާފުގައިވެސް އެޓީމުން ވަނީ ގާޒީ ސްކޫލުގެ ގޯލަށް ކެނޑިނޭޅި ނުރައްކާ ކޮށްފައެވެ.
ދެވަނަ ހާފުގެ 25 ވަނަ މިނެޓުގައި، އިސްކަންދަރު ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ގާޒީ ސްކޫލަށް ރަނގަޅު ހިސާބަކުން ހިލޭޖެހުމެއް ލިބިފައި ވެއެވެ. ނަމަވެސް ގާޒީ ސްކޫލް ކުޅުންތެރިން ފޮނުވާލި ބޯޅަ އަމާޒުވީ އިސްކަންދަރު ސްކޫލުން އެތުރި ދިފާއީ ފާރަށެވެ.
އިސްކަންދަރު ސްކޫލުގެ 2 ވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެވެސް ފަހުކޮޅެވެ. އެ ޓީމުގެ 2 ގޯލުވެސް ކާމިޔާބުކޮށްފައި ވަނީ ދާދި އެއްގޮތަކަށްކަން ފާހަގަކުރެވެއެވެ.
މުބާރާތުގެ ގްރޫޕް 5 ގައި މި ދެޓީމާއެކު ދެން ހިމެނެނީ ދަރުމަވަންތަ ސްކޫލް އަދި ހިންމަފުށީ ސްކޫލެވެ. މި ގްރޫޕްގެ މެޗެއް ދެން އޮންނާނީ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މި މެޗުގައި ބައްދަލުކުރާނީ ދަރުމަވަންތަ ސްކޫލާއި ގާޒީ ސްކޫލެވެ.