ޚަބަރު

ފަލަސްޠީނު މުނިސިޕަލް އިންތިޚާބުގެ ގިނަ ގޮނޑި ކާމިޔާބު ކުރީ ޕީއޭއިން


ފަލަސްޠީނުގެ މުނިސިޕަލް އިންތިޚާބުގައި އެ ޤައުމުގެ ރައީސް މަޙްމޫދު ޢައްބާސްއަށް ވަފާތެރި ކެންޑިޑޭޓުން ގިނަ ޢަދަދެއްގެ ގޮނޑި ކާމިޔާބުކޮށްފިއެވެ.

އޭޕްރިލް މަހުގެ 25ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ އިންތިޚާބުގައި ޣައްޒާގެ ސިޓީއެއްގައި ވެސް ވޯޓުލާފައިވެއެވެ. އެއީ 2006ވަނަ އަހަރުގެ ފަހުން ޣައްޒާގައި އެއްވެސް ސިފައެއްގައި އިންތިޚާބެއް ބާއްވާފައިވާ ފުރަތަމަ ފަހަރެވެ. އަދި ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން މީގެ ދެ އަހަރުކުރިން ހިންގަން ފެށިމިގެ ފަހުން ވެސް ބާއްވާ ފުރަތަމަ އިންތިޚާބު ވެސްމެއެވެ.

ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގި އައްސޭރި ހިންގާ ފަލަސްޠީނިއަން އޮތޯރިޓީ، ޕީއޭއިން ވަނީ ހަނގުރާމައިގައި ނިސްބަތުން މަދުން ގެއްލުން ލިބިފައިވާ ދީރުލް ބަލާޙް ސިޓީ އިންތިޚާބުގައި ހިމަނާފައި ވަނީ ޣައްޒާއަކީ ކުރިއަށް އޮތް ތަނުގައި އުފެދިދާނެ ފަލަސްޠީނުގެ މިނިވަން ދަޢުލަތުގެ ބަޔަކަށް ވާނެ ކަމަށާއި، އެއީ ވަކިކުރެވޭނެ ތަނެއް ނޫން ކަން އެނގުމަށްޓަކައެވެ.

މި އިންތިޚާބުގައި ވޯޓުލާން ނިކުތް މީހުންގެ ޢަދަދު އެހާ ގިނައެއް ނޫނެވެ. ޣައްޒާގައި ވޯޓުލާފައި ވަނީ 2 އިންސައްތަ މީހުންނެވެ. އަދި ހުޅަނގު އައްސޭރީގައި ވޯޓު ލުމަށް ނިކުމެފައި ވަނީ 56 އިންސައްތަ މީހުންނެވެ. އިންތިޚާބުގެ ނަތީޖާ އިޢުލާނުކުރައްވައި ފަލަސްޠީނުގެ ބޮޑުވަޒީޜު މުޙައްމަދު މުސްޠަފާ ވިދާޅުވީ އިންތިޚާބު ބާއްވާފައި ވަނީ ވަރަށް ހައްސާސް ދަނޑިވަޅެއްގައި ކަމަށެވެ. އެ ޙާލަތަކީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިންތިޚާބުން ދައްކުވައިދެނީ ޤައުމުގެ ދިމުގުރާތީ ޙާލަތު ވަރުގަދަ ކުރުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއޭގެ މައްޗަށް ކުރި ހޯދައި 2007ވަނަ އަހަރު ޣައްޒާގައި ވެރިކަންކުރަން ފަށާފައިވާ ޙަމާސް ޖަމާޢަތުން ޣައްޒާއިން ރަސްމީކޮށް ކެންޑިޑޭޓުން ނެރެފައެއް ނުވެއެވެ. އަދި ހުޅަނގު އައްސޭރީގައި ބޭއްވި އިންތިޚާބު އެ ޖަމާޢަތުން ވަނީ ބޮއިކޮޓު ކޮށްފައެވެ. ނަމަވެސް ދީރުލް ބަލާޙުގައި ކުރިއަށް ގެންދިޔަ ވޯޓުގައި ހިމެނޭ ބައެއް ކެންޑިޑޭޓުންނަކީ ޙަމާސްއާ ގުޅުންހުރި މީހުންނެވެ.