"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އދ. އަތޮޅު ތައުލީމީ މަރުކަޒުން ހުރާގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ. ހުޅުމާލެ ސިންތެޓިކް ޓަރފްގައި ކުޅުނު މި މެޗު، އދ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބުކޮށްފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.
އދ. އަތޮޅު ތައުލީމީ މަރުކަޒުން މެޗުގެ ލީޑު ނެގީ 13 ވަނަ މިނެޓުގައެވެ. މިއީ، އެޓީމުގެ ހާފު ތެރެއިން ސާފުކޮށްލި ބޯޅައެއް ލިބިގަނެ، ކީޕަރު ރޮނގުން ބޭރަށް ނުކުމެހުރި ދަނޑިވަޅު ބަލާ، ކީޕަރު ބޯމަތިން ބޯޅަ އޮއްސާލައިގެން ކާމިޔާބުކުރި ވަރަށް ހިތްގައިމު ގޯލެކެވެ. އެ ޓީމުން ވަނީ، މެޗުގެ 25 ވަނަ މިނެޓުގައި އިތުރު ގޯލެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފައެވެ. އދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފުރަތަމަ ދެ ގޯލަށްވެސް، ހުރާ ސްކޫލުގެ ކީޕަރު މާ އަވަހަށް ކުރިއަށް ނުކުތުމުގެ ފައިދާ، އދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ފުރިހަމައަށް ނަގާފައެވެ.
މެޗު ފެށުމާ ހަމައިން އދ. އަތޮޅު ތައުލީމީ މަރުކަޒުން ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދަމުން ދިއުމުން ހުރާ ސްކޫލް ކުޅުންތެރިންނަށް މެޗުގެ ތެރެއަށް ރަނގަޅަށް ވަންނަން އުނދަގޫވެގެން އުޅުނުކަން ފާހަގަކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 27 ވަނަ މިނެޓުގައި އދ. އަތޮޅު ތައުލީމީ މަރުކަޒަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ، ވަރަށް ހަމަޖެހިލައިގެން ގޯލުގެ ތެރެއަށް ފޮނުވާލާ އދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 3 ގޯލުގެ ލީޑެއް ނަގާފައެވެ.
އދ. އަތޮޅު ތައުލީމީ މަރުކަޒުން ޑޮމިނޭޓުކުރި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މި ގޯލާއެކު، 0-3 އަކުން އެ ޓީމު ކުރީގައި އޮވެގެންނެވެ.
ހުރާ ސްކޫލުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައި ވަނީ، ދެވަނަ ހާފުގެ 8 ވަނަ މިނެޓުގައި، ލިބުނު ހިލޭ ޖެހުމަކުންނެވެ. ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން، ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި އދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ އިތުރު ގޯލެއް ޖަހާފައެވެ. މިއީ، އެޓީމުން ފޮނުވާލި ހަމަލާއެއް، ހުރާ ކީޕަރަށް މަތަ ނުކުރެވި، ކީޕަރު އަތުން ދޫވުމުން އދ. އަތޮޅު ތައުލީމީ މަރުކަޒު ކުޅުންތެރިން ހުސް ދާގަނޑަކަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މިއާއެކު، މެޗު ނިމިގެންދިޔައީ 1-4 ގެ ނަތީޖާއަކުން އދ. އަތޮޅު ތައުލީމީ މަރުކަޒު، މެޗު ކާމިޔާބުކޮށްގެންނެވެ.
17 އަހަރުން ދަށުގެ އުމުރުފުރައިގެ ޓީމުތައް ކުޅޭ މި މުބާރާތުގައި އުންމީދީ، ޒުވާން ކުޅުންތެރިންތަކެއްގެ ފަރާތުން ރީތި ކުޅުމެއް ދަނީ ފެންނަމުންނެވެ.
މި ނަތީޖާއާއެކު، އދ. އަތޮޅު ތައުލީމީ މަރުކަޒުން މިވަނީ ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.
މި ދެ ޓީމު ހިމެނެނީ، މުބާރާތުގެ ގްރޫޕް 3 ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ތާޖުއްދީން ސްކޫލުގެ އިތުރުން ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލެވެ. ގްރޫޕް 3 ގެ ދެވަނަ މެޗުގައި މި ދެ ސްކޫލް، މާދަމާ ބައްދަލުކުރާނެއެވެ.