ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޕެއާތަކުން މިއަދު ދެވަނަ މެޗުތަކުގައި ވާދަކޮށްފިއެވެ.
ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ހަތަރު ޕެއާއެއް ބީޗް ވޮލީބޯޅައިގައި ވާދަކުރެއެވެ. އެއީ ފިރިހެން ދެ ޕެއާގެ އިތުރުން އަންހެން ދެ ޕެއާއެވެ. ފިރިހެން ޕެއާތަކަކީ އަހުމަދު މުހައްމަދާއި އިބްރާހީމް ރާކިން ހަސަންގެ ޕެއާއާއި އިސްމާއީލް ސާޖިދުގެ އިތުރުން އާދަމް ނަސީމްގެ ޕެއާއެވެ.
މިފަހަރު މުބާރާތުގައި ރާއްޖެއަށް ވާދަކުރަން ޖެހުނީ އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ޕެއާތަކާއި ދެކޮޅަށެވެ. މިއަދު ސާޖިދާއި އާދަމް ނަސީމް ނުކުތީ އީރާނުގެ ވަރުގަދަ ޕެއާއެއް ކަމަށް އަބްދުﷲ ހަސަން ހަކީދޭއާއި އާމިރު އަލީ ގަލެނޯވީއާ ދެކޮޅަށެވެ. ދެ ސެޓުން އިރާން ޕެއާ މޮޅުވިއިރު، ރާއްޖޭގެ ޕެއާއިން ދެ ސެޓުގައިވެސް ރަނގަޅަށް ކުޅުނެވެ. ސެޓުތައް ދިޔައީ 21-15 އަދި 21-10 އިންނެވެ.
ޕޫލް ޑީގައި ހިމެނޭ ރާކިންއާއި އަހުމަދުގެ ޕެއާއިން އޮމާންގެ ހޫދު ރާޝިދު ސާއިދު އަލީއާއި އަލީ ހާޝިމީގެ ޕެއާއާ ވާދަކުރި އިރު، 2-0 އިން މެޗު ކާމިޔާބުކުރީ އޮމާންގެ ޕެއާއެވެ. ރާއްޖޭގެ ޕެއާއިން ފުރަތަމަ ސެޓުގައި ރަނގަޅަށް ވާދަކުރި އިރު، ސެޓުތައް ދިޔައީ 21-11 އަދި 22-9 އިންނެވެ.
ރާއްޖޭގެ ބީޗް ވޮލީބޯޅަ ހަތަރު ޕެއާއިން މާދަމާވެސް މެޗުތައް ކުޅޭނެއެވެ.