ޑިޖިޓަލައިޒޭޝަންގެ މަސައްކަތުގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "އައި.ސީ.ޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަސް" މުނާސަބަތުގައި ފޮނުއްވެވި މެސެޖެއްގައެެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "އައި.ސީ.ޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަސް" ފާހަގަކުރުމުގެ ގޮތުން ފޮނުއްވެވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މިއަހަރުގެ ޝިއާރު ކަމަށްވާ "އޭ.އައި ފޯ ޑިވެލޮޕްމަންޓް: ގާރލްސް ޝޭޕިންގ ދަ ޑިޖިޓަލް ފިއުޗަރ" އަކީ ސަރުކާރުން ޓެކްނޮލޮޖީގެ ދާއިރާއަށް ދެއްވާ އިސްކަމާ ސީދާ ގުޅުންހުރި ޝިއާރެއް ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަކީ ވެރިކަން ހިންގުމާއި، ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގެ ހިންގުން ހަރުދަނާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، އޭ.އައި ތަރައްގީކުރުމުގައި އަންހެން ކުދިން ބައިވެރިކުރުމަކީ ހަމައެކަނި ނަމަކަށް ކުރާ ކަމެއް ނޫން ކަމަށާއި، އެއީ އިޖުތިމާއީ ހަމަހަމަކަން ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މިއީވަކި ޖިންސަކަށް ތަފާތުކުރުން ކުޑަކުރުމަށާއި، އަލަށް އުފެދޭ ޓެކްނޮލޮޖީތަކަކީ އެންމެންގެ ބައިވެރިވުން ހިމެނޭ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން" އިސްނެގުމުގެ ދަށުން، އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތައް ކަމަށްވާ ރޮބޮޓިކްސް، އޭ.އައި، އަދި ކޮމްޕިއުޓަރ ޕްރޮގްރާމިންގ ފަދަ އައި.ސީ.ޓީ ދާއިރާތަކުގައި އަންހެން ކުދިންނަށް ކުރިއަށްދިއުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖެއިން މި އަމާޒަށް ވާސިލްވުމަށްޓަކައި، އޭ.އައި ތަރައްގީކުރުމުގައި ފިރިހެނުންނާއި އަންހެނުންގެ ދެމެދުގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރަންޖެހޭ ކަމަށެވެ. އަދި އަންހެން ކުދިންނަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށްވުމުގެ ބަދަލުގައި، ޓެކްނޮލޮޖީ އުފައްދާ ބަޔަކަށް ހެދުމަށް ބާރުވެރިކުރުވަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.