ޚަބަރު

ރާއްޖެ ޖޫނިއަރސް: މާފުށި ސްކޫލުން މުބާރާތް ފެށީ ބޮޑު މޮޅަކުން


  • މާފުށިން މެޗު ކާމިޔާބުކުރީ 2-5 ގެ ނަތީޖާއަކުން

  • މާފުށީގެ ފަރާތުން ފެނިގެންދިޔައީ ތަފާތު، މޮޅު ކުޅުމެއް

17 އަހަރުން ދަށުގެ "ރާއްޖެ ޖޫނިއަރސް" ފުޓުބޯޅަ މުބާރާތުގައި މުޙްޔިއްދީން ސްކޫލްގެ މައްޗަށް ބޮޑު މޮޅެއް ހޯދާ، މާފުށީ ސްކޫލުން އިތުބާރާއެކު މުބާރާތް ފަށައިފިއެވެ. މިއަދު ހަވީރު ހުޅުމާލޭ ސިންތެޓިކް ދަނޑުގައި ކުޅުނު މި މެޗު، މާފުށި ސްކޫލުން ކާމިޔާބުކުރީ 2-5 ގެ ނަތީޖާއަކުންނެވެ.

މުޙްޔިއްދީން ސްކޫލުން ވަނީ މެޗުގެ 2 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މިއީ، މާފުށި ސްކޫލް ކުޅުންތެރިއަކަށް ދޭން އުޅުނު ޕާހެއް އަތުލުމަށްފަހު އުފެއްދި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް، މާފުށީ ސްކޫލުން ވަނީ މެޗުގެ 8 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ނަތީޖާ އެއްވަރުކޮށްފައެވެ.

މާފުށިން ނަތީޖާ އެއްވަރުކުރުމާއެކު، މުޙްޔިއްދީނުން ލަސްތަކެއް ނުވެ، މާފުށީގެ ގޯލަށް އަނެއްކާވެސް ނުރައްކާކުރަން ފެށިއެވެ. އެގޮތުން، މެޗުގެ 12 ވަނަ މިނެޓުގައި އަމިއްލަ ހާފް ތެރެއިން ލިބުނު ހިލޭ ޖެހުމެއްގެ ފައިދާ ނަގާ، މާފުށީގެ ޕެނަލްޓީ އޭރިއާ ކައިރީ ހުރި ކުޅުންތެރިޔާއަށް ދިން ޕާސް ލިބިގަތުމަށްފަހު ކީޕަރު ބޯމަތިން އޮއްސާލަން މަސައްކަތްކުރި ނަމަވެސް ހަމަލާ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.

އެއަށްފަހުވެސް އެސްކޫލުން ވަނީ މާފުށީގެ ގޯލަށް ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް، މީގެން ކޮންމެ ފަހަރަކުވެސް މާފުށީ ކީޕަރުގެ ހުޝިޔާރުކަން ފެނިގެންދިޔައެވެ. މި ފުރިސަތުތަކުގެ ބޭނުން މުޙްޔިއްދީނަށް ނުހިފުމުގެ ފައިދާ ނަގާ، މާފުށީ ސްކޫލުން ވަނީ މެޗުގެ 22 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި، މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މިއީ، މާފުށިން އުފައްދަން މަސައްކަތްކުރި ހަމަލާއެއް ސާފުކޮށްނުލެވި، މުޙްޔިއްދީންގެ ޕެނަލްޓީ އޭރިއާ ތެރެއިން މާފުށީ ކެޕްޓަނަށް ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެ އެންމެ ދެ މިނެޓު ފަހުން، މެޗުގެ 24 ވަނަ މިނެޓުގައި މުޙްޔިއްދީނުން ވަނީ ގޯލެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް، މާފުށީ ސްކޫލުން ވަނީ ފުރަތަމަ ހާފުގެ 30 މިނެޓުގެ ކުޅުން ނިމިގެން އިތުރު ވަގުތުގެ ގޮތުގައި ދެއްކި 2 މިނެޓުގެ ތެރޭގައި ގޯލެއް ޖަހައި، ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ.

ފުރަތަމަ ހާފު ނިމުނީ މި ގޯލާއެކު، 2-3 ގެ ނަތީޖާއަކުން ފާފުށީ ސްކޫލް ކުރީގައި އޮވެގެންނެވެ.

މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުމުން، މާފުށިން ދެވަނަ ހާފަށް ކުރިމަތިލީ އިތުރު ހިތްވަރަކާއި ޖޯޝަކާއެކުއެވެ. އެގޮތުން ދެވަނަ ހާފުގެ ބޮޑު ބައެއްގައި ބޯޅަ ހިފަހައްޓައިގެން މާފުށިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

ދެވަނަ ހާފުގައި މޮޅު ކުޅުމެއް ކުޅެ، މާފުށީން ވަނީ ދެވަނަ ހާފުގެ 20 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހާފައެވެ. މިއީ، މުޙްޔިއްދީންގެ ޕެނަލްޓީ އޭރިއާ ތެރޭގައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށްފަހު، ކީޕަރު އަތުގައި ޖެހިފައި، ވާރޭ ވެހިފައި ހުރުމުގެ ސަބަބުން ކައްސާލި ބޯޅައެއް ލިބިގަނެ، ހުސް ދާގަނޑެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މާފުށިން ކާމިޔާބުކުރި ގޯލެކެވެ.

މުޅި ދެވަނަ ހާފުގައިވެސް މާފުށިން ދެއްކި މޮޅު ކުޅުމުގެ ނަތީޖާއެއްގެ ގޮތުން، އެޓީމުން ވަނީ ދެވަނަ ހާފުގެ 28 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި، ލީޑު އިތުރަށް ފުޅާކޮށްފައެވެ. މިއީ، މާފުށީ ހާފް ތެރެއިން މުޙްޔިއްދީން ސްކޫލް ކުޅުންތެރިން އަތުން ބޯޅަ އަތުލުމަށްފަހު އުފެއްދި އަވަސް ކައުންޓަރ އެޓޭކަކުން ޖެހި ގޯލެކެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި މާފުށީން، މުޙްޔިއްދީންގެ ގޯލަށް ހަވަނަ ފަހަރަށް ބޯޅަ ވައްދާލި ނަމަވެސް ލައިންސްމަން ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމަވާފައެވެ.

މި ނަތީޖާއާއެކު، މުބާރާތުގައި ކުރިއަށްދިއުމަށް މާފުށީ ސްކޫލަށް ބޯޑު ހިތްވަރެއް ލިބިގެންދާނެއެވެ.