އިއްޔެ ފެށިގެން ކުރިއަށްދާ 17 އަހަރުން ދަށުގެ "ރާއްޖެ ޖޫނިއަރސް" ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ބަލިކޮށް، ގުޅީ ސްކޫލުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. ގުޅީ ސްކޫލުން މެޗު ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.
މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައި ވަނީ އަހުމަދިއްޔާއިންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، މެޗުގެ 3 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިއީ، އެޓީމުން އުފެއްދި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ގުޅީ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޖެހި ގޯލެކެވެ.
ފުރަތަމަ ހާފު ފެށިގެން ނިމެންދެން އަހުމަދިއްޔާއިން މެޗު ޑޮމިނޭޓުކޮށް، ގުޅީގެ ގޯލަށް ނުރައްކާކުރަމުންދިޔަ ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މިކަމުގެ ފައިދާ ނަގައިގެން ގުޅިން ވަނީ ދެވަނަ ހާފުގައި ދެ ގޯލު ކާމިޔާބުކޮށް، ނަތީޖާ އަނބުރާލާފައެވެ.
ގުޅީގެ ފުރަތަމަ ގޯލަކީ ދެވަނަ ހާފުގެ 3 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އުފެއްދި ހަމަލާއެއްގައި ބޮލުން ޖެހި ގޯލެކެވެ. ގުޅިން ނަތީޖާ އެއްވަރުކުރި ފަހުންވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްފައިވަނީ އަހުމަދިއްޔާއިންނެވެ.
ގުޅީގެ ދެވަނަ ގޯލު ފެނިގެންދިޔައީ މެޗުގެ ފުރިހަމަ މަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް، ދެވަނަ ހާފުގެ 29 ވަނަ މިނެޓުގައެވެ. މިއީ، އަހުމަދިއްޔާއިން އުފެއްދި ހަމަލާއެއް ދިފާއުކުރުމަށްފަހު، ގުޅީ ކީޕަރު ސައްޕުޖަހާ ފޮނުވާލި ބޯޅައެއް އަތުލައިގެން އުފައްދަން އުޅުނު ކައުންޓަރ-އެޓޭކެއް މަތަކުރުމަށްފަހު، ގުޅީގެ ކެޕްޓަން، ޑީ އޭރިއާގެވެސް ބޭރުން ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ފަހު ފަސްވަރަކަށް މިނެޓު ވެގެންދިޔައީ ވަރުބަލިކަމާއި އަނިޔާގެ މައްސަލަތައް ގިނަވި ވަގުތުކޮޅަކަށެވެ.
މުބާރާތުގައި އިއްޔެ ވަނީ އިތުރު އެއް މެޗު ކުޅެފައެވެ. ކަލާފާނު ސްކޫލާއި އިމާދުއްދީން ސްކޫލް ބައްދަލުކުރި މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
މުބާރާތުގައި މިއަދު ބައްދަލުކުރާނީ މާފުށީ ސްކޫލާއި މުޙްޔިއްދީން ސްކޫލެވެ. މުބާރާތުގެ މެޗުތައް ކުޅެނީ ހުޅުމާލޭ ސިންތެޓިކް ޓަރފްގައެވެ.