ޚަބަރު

ސަބްސިޑީން އުނިކުރެވުނު ފައިސާ ޚަރަދު ކުރެވޭނީ ތަރައްޤީ ހޯދުމަށް


ސަބްސިޑީއަށް ބަދަލު ގެންނެވުމުގެ ބޭނުމަކީ، ސަރުކާރަށް ފައިސާ އިތުރުކުރެއްވުން ނޫންކަމަށާއި އެކަމުގެ ބޭނުމަކީ، އެ ފައިސާ ހޭދަކުރައްވައިގެން ރައްޔިތުންގެ ތަރައްޤީ ހޯއްދެވުމަށް ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. img:http://s3.psmnews.mv/images/660x400/14754325835425.jpg|އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު، ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި - ފޮޓޯ: ޕީއެސްއެމް

ސަބްސިޑީ ދެއްވުމުގެ އުޞޫލަށް ސަރުކާރުން ގެންނެވި ބަދަލްތަކާ ބެހޭގޮތުން ޕީއެސްއެމްގެ ޓީވީއެމުން ގެނެސްދޭ ރާއްޖެ މިއަދުގެ މިރޭގެ ޚާއްސަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ސަރުކާރުން މި ސިޔާސަތަށް ބަދަލު ގެންނެވީ ކާޑުގެ ސަބްސިޑީ ދިނުމުގައި ގެންގުޅުއްވި އުޞޫލުގެ ސަބަބުން ސަބްސިޑީ ލިބެން ނުޖެހޭ އެތައް ބަޔަކަށް ސަބްސިޑީ ލިބެމުންދާތީ، ސަބްސިޑީގެ ހައްޤުވެރިންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. img:http://s4.psmnews.mv/images/660x400/14754324857773.jpg|އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު، ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

މީގެ ކުރިން ކާޑުގެ ސަބްސިޑީ ބޭނުންކުރަމުން އައި ފަރާތްތަކުގެ ތެރެއިން 41 އިންސައްތަ މީހުންނަކީ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އާމްދަނީގެ ގޮތުގައި އަހަރެއްގެ މައްޗަށް 6 ބިލިއަން ރުފިޔާ ރާއްޖެއިން ބޭރަށް ފޮނުވާ ކަމަށެވެ.

އަދި އަލަށް ޢަމަލުކުރައްވަން ފެއްޓެވި ޢުސޫލާއެކު، ސަބްސިޑީ ހައްޤުނުވާ ފަރާތްތަކަށް ކުރިން ލިބެމުން އައި ފައިސާ މިހާރު އުނިކުރެވިފައިވުމާއެކު، މިފައިސާގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ރައްޔިތުން އެެދޭ ތަރައްޤީގެ މުހިއްމު ބޭނުންތަކަށް ޚަރަދުކުރުމަށް ކަމަށެވެ. ދިވެހިންގެ ކަންބޮޑުވުންހުރި ކޮންމެކަމެއް މި ސަރުކާރުން ވަރަށް ގާތުން ބައްލަވަމުންދާނެ ކަމަށްވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލީކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކިނަމަވެސް ސަބްސިޑީ އެކުގައި ކަނޑާލާފައެއް ނުވެއެވެ. އަދި ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެއްވަމުން އައި ސަބްސިޑީގެ އުޞޫލަށް ބަދަލު ގެންނަވާ، ސަބްސިޑީއަށް އެދުމުގެ ފުރުސަތު މިހާރު ސަރުކާރުން ވަނީ ޢާއްމުކޮށް ހުޅުއްވާލައްވާފައެވެ. އަލަށް ޢަމަލުކުރަން ފެއްޓެވި މިޢުޞޫލުގެ ދަށުން ސަބްސިޑީ ދެއްވާއިރު، ބައްލަވަނީ އެ މީހަކަށް ލިބޭ ޢާމްދަނީގެ އިތުރުން ދިރިއުޅުމުގެ ފެންވަރު ދެނެގަތުމަށްޓަކައި ހުށައަޅާ ފޯމްގައިވާ ކަންކަމަށް ކަން މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ.

ސަބްސިޑީގެ ޢުޞޫލަށް ގެންނެވި ބަދަލާއެކު ރައްޔިތުން ކަންބޮޑުނުވުމަށާއި ކޮންމެ ރައްޔިތަކު އުފުއްލަވަންޖެހޭ ތަކްލީފް ކުޑަކުރެއްވުމަށާއި މުޅި ޤައުމުގެ ތަރައްޤީއަށް މިސަރުކާރުން ޚާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާނެ ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.