މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕުގެ ސަބަބުން ހަގު އުމުރުފުރާތަކުގެ ފުޓުބޯޅަ ކުޅުންތެރިންގެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް ފެންނަމުންދާކަމަށް އޮޑި އެކަޑަމީގެ ކޯޗު މުޙައްމަދު ފަރީދު ބުނެފިއެވެ.
ހެންވޭރު ދަނޑުގައި ނިމުނު މިއަހަރުގެ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕްގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން އޮޑި ސްޓްރައިކާސްއަށް ހޯދައިދިން ކޯޗު، މުބާރާތަށް ފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްވަމުން ބުނީ މިއީ އެކަޑަމީތަކުގެ މެދުގައި ވަރަށް ފޯރިގަދަ ވާދަވެރި މުބާރާތެއް ކަމަށެވެ.
އެހެންކަމުން އެއް އަހަރުން އަނެއް އަހަރަށް ވާދަވެރިކަން ބޮޑުވެ ކުޅުންތެރިންގެ ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް އަންނަ ކަމަށާއި ވަރަށް ހުނަރުވެރި ކުދިން މި މުބާރާތުގެ ސަބަބުން ފެންނަކަމަށް ކޯޗު ފަރީދު ބުންޏެވެ.
""އެކަޑަމީތަކުންވެސް ވަރަށް ބޮޑު ޗެލެންޖެއްގޮތަށް ނަގާ މި މުބާރާތް. މިގޮތަށް ޗެލެންޖިންކޮށް މަސައްކަތް ކުރަންޏާ ރަނގަޅު މޮޅު ކުޅުންތެރިން ހަމަ އުފެދިގެން އަންނާނެއޭ. މިހާރުވެސް ހަމަ މޮޅެތި ޓެލެންޓެޑް ކުދިންތަކެއް އެކަޑަމީތަކުން ޓްރެއިން ކުރަމުން އެބަ ނެރޭ. ވަރަށް ބޮޑަށް މީގަ ބެލެނިވެރިންނާ އެކަޑަމީތަކުން ކުރާ މަސައްކަތް އަޅުގަނޑު ފާހަގަކުރަން." ފަރީދު ކޯޗު ބުންޏެވެ.
ކޯޗު ފަރީދު ބުނީ އެކަޑަމީތަކުން ހުނަރުވެރި ކުދިން ތައްޔާރު ކުރާއިރު އެ ކުދިންނަށް މިހާ ރަނގަޅު މުބާރާތެއް ކޮންމެ އަހަރަކުވެސް އިންތިޒާމުކުރާތީ، ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް) އަށް ޝުކުރު އަދާކުރާކަމަށެވެ.
ޔޫތު ޑިވެލޮޕްމެންޓަށް މަސައްކަތް ކުރާ ފުޓުބޯޅަ އެކަޑަމީތަކަށް އޮތް ފުރުސަތަކީ، މިހާތަނަށް ސޮކާ ވެޓެރަންސް އެސޯސިއޭޝަންގެ މި ޕްލެޓްފޯމުކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
"ގަވާއިދުން މި މުބާރާތް ސޮކާރ ވެޓެރަންސް އެސޯސިއޭޝަނުން އުނދަގޫތަކާއެކުވެސް ކޮންމެ އަހަރެއްގައިވެސް ބާއްވައިދޭތީވެ އެކަޑަމީ ހިންގާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަމަ ޝުކުރު އަދަކުރަން" ފަރީދު ބުންޏެވެ.
ޖެހިޖެހިގެން 3 އަހަރު މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕްގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި އޮޑި އެކަޑަމީގެ ކޯޗު ބުނީ މި މުބާރާތަށް ޓީމުތައް ތައްޔާރުކޮށްދިނުމުގައި ބެލެނިވެރިންގެ ފަރާތުން ފެނުނީ އާދަޔާއި ހިލާފު ރޫހެއް ކަމަށެވެ. އަދި އޮޑިއަށް މިކާމިޔާބު ހާސިލުކުރެވުނީ ބެލެނިވެރިންގެ ވެސް ހިތްވަރާ އެކީކަމަށް ކޯޗު ބުންޏެވެ.