ކުޅިވަރު

ފެނުން ގާތީ އަދިވެސް ލިވަޕޫލުން: ކޮނާޓޭ


އޭނާ ފެނުން ގާތީ އަދިވެސް ލިވަޕޫލުން ކަމަށް ޑިފެންޑަރު އިބްރާހީމާ ކޮނާޓޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާތީ އާއި ސްޕޭނުގެ ރެއާލް މެޑްރިޑުން އޭނާ އަށް ޝައުގުވެރިކަން ފާޅު ކުރާތީވެ ނޫސްވެރިން ސުވާލު ކުރުމުންނެވެ.

"އާނ. އަހަރެންގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ. އެކަމަކު އަހަރެން މި ދަނީ ކުލަބާ ވާހަކަ ދައްކަމުން. އަހަރެން ސެޕްޓެމްބަރުގައި ސްޕޯޓިން ޑައިރެކްޓަރު ގާތުގައި ބުނި ގޮތަށް އަހަރެން އަމަލު ކުރާނަން. ބޮޑަށް ގާތީ އަހަރެން ލިވަޕޫލުން ފެނުން،" 26 އަހަރުގެ ޑިފެންޑަރު ބުންޏެވެ.

އޭނާ ބުނީ ހުސްވި ސީޒަނުގައި ވާޖިލް ވެންޑައިކާއި މުހައްމަދު ސަލާހްގެ ކޮންޓްރެކްޓް ހަމަވާތީވެ މީޑިއާތަކުން އެ ވާހަކަ ދެއްކިއިރު އޭޕްރީލް މަހު އެ ދެ ކުޅުންތެރިން ތިބީ ކުލަބާއެކު އެގްރީމަންޓް އާކޮށްގެން ކަމަށެވެ.

"ކުލަބުން ބޭނުންވީ ސީޒަން ނިމުނީމާ އެކަން އިއުލާނު ކުރަން. ފަހަރުގައި އަހަރެންނަށް ވެސް އެ ފަދަ ގޮތެއް ވެދާނެ،" ކޮނާޓޭ ބުންޏެވެ.

އޭނާ ބުނީ މިއީ ލިވަޕޫލަށް ނާކާމިޔާބު ސީޒަނެއް ކަމަށާއި މި ސީޒަނުގެ ތަޖުރިބާގެ އަލީގައި އަންނަ ސީޒަން ކާމިޔާބު ކުރަން ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ.

"މި ސީޒަން މިދިޔައީ އެކަކު ވެސް ބޭނުންވާނެ ގޮތަކަށް ނޫން. އަހަރުމެން މަސައްކަތް ކުރިން. އެކަމަކު އަބަދު އެއް ގޮތެއް ވެސް ނުވާނެ،" ކޮނާޓޭ ބުންޏެވެ.

އިނގިރޭސި މީޑިއާތަކުން ބުނަނީ ލިވަޕޫލްގެ ޑިފެންޑަރުންގެ ތެރެއިން ކުލަބުން އެންމެ ބޮޑަށް ބަހައްޓަން ބޭނުންވާ ކުޅުންތެރިއަކީ ވެސް ކޮނާޓޭ ކަމަށެވެ.