ޚަބަރު

އޭއައި ބޭނުންކުރުން ރެގިއުލޭޓް ކުރުމަށް ޤާނޫނެއް އެކުލަވާލަނީ


  • ފުރަތަމަ ދައުރުގެ ތެރޭގައި ޑިޖިޓަލައިޒޭޝަނާ ގުޅޭ 3 ބިލެއް

  • މޯލްޑިވްސް 2.0 ދަށުން ސިވިލް ރަޖިސްޓްރީ ޤާއިމްކުރާނެ

އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރުން ރެގިއުލޭޓް ކުރުމާއި ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާލުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއީ މޯލްޑިވްސް 2.0، ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ ތެރެއިން މަޖިލީހަށް ހުށަހަޅާ ބިލެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އޭއައި ބޭުންކުރަމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މިދައިރާއިން 3 ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިކަމަށެވެ. ރައީސް ރިޔާސީ ބަޔާނުގައި މަޖިލީހުގެ ފުރަތަމަ ދައުރު ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައިވަނީ، ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ބެހޭ ބިލަކާއި، ޑިޖިޓަލް އައިޑެންޓިޓީއާ ބެހޭ ބިލަކާއި، ސައިބަރ ސެކިއުރިޓީއާ ބެހޭ ބިލެކެވެ.

މި 3 ބިލު ހުށަހަޅުއްވާއިރު އާޓިފިޝަލް އިންޓެލިޖެންސާއި ގުޅޭ ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ކޮންމެ ގޮތެއްވިޔަސް ޑިޖިޓަލައިޒޭޝަނަށް ދާއިރު އަޅުގަނޑުމެން ސަފުގައި ކުރީގައި ތިބޭ ކަމަށްވަންޏާ އެމްބްރޭސް ކުރަން ޖެހޭ ކަމެއް އޭއައި އަކީ. އޭއައި އެމްބްރޭސް ކުރާއިރު އޭއައި އަކީ ޤާނޫނީ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރާ ނޫނީ އެއާއި ގުޅޭ ކަންކަން ކުރެވިފައި އޮންނަ ކަމަކަށް ވާންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އާޓިފިޝަލް އިންޓެލިޖެންސްއާއި ގުޅޭ ޤާނޫނެއް، މަޖިލީހަށް ހުށަހަޅާއިރު މުޅި ދައުލަތް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލުމަކީ ސަރުކާގެ އަމާޒެކެވެ.

މި އަހަރު ނިމޭއިރު ރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތްތައް ދިނުމަށް، އެއް ވިއުގައެއް ޤާއިމުކޮށް، ރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ސިވިލް ރަޖިސްޓްރޭޝަންގެ ޚިދުމަތް އެންމެ ފުރިހަމައަށް ދޭ ޤައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސަރުކާރުގެ އެފިޝެންސީ މަތިކޮށް، ގުޑް ގަވަރނަންސްގެ އުސޫލުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ޑިޖިޓަލައިޒޭޝަންގެ ނިޒާމު ޤާއިމުކުރުމަކީ، މި އަހަރު ވަރަށް ބޮޑު އިސްކަމެއް ދިނުމަށް ނިންމައިފައިވާކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.