ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2026ގެ ގަދަ 16 ގެ މެޗުތައް ކުޅުން ފަށައިފިއެވެ.
ކޮންމެ އަހަރަކުވެސް އެކި އުމުރުފުރާތަކުގެ ކުދިންނަށް ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ މި މުބާރާތަށް މި އަހަރުވެސް މާލެ ސަރަހައްދުގެ ހުރިހާ އެކަޑަމީއަކުން ބައިވެރިވެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ 50 ޓީމު ބައިވެރިވެފައިވާއިރު، ގާތްގަނޑަކަށް 226 މެޗު ކުޅޭނެއެވެ. ޓީމުތައް ބަހާލާފައިވަނީ 8 އަހަރުން ދަށުގެ ފަސް ގުރޫޕް އަދި 10 އަހަރުން ދަށުގެ ހަތް ގުރޫޕަށެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ދަނީ ހެންވޭރު ދަނޑުގައެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުއެވެ.
ސޮކާ ވެޓެރަންސް އެސޯސިއޭޝަންގެ ރައީސް ޢަލީ ޝަމީމް ވިދާޅުވީ މި މުބާރާތަކީ ވަރަށް ފޯރިގަދަކޮށް ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ލިބޭ ގޮތަށް ރާވައިގެން ކުރިޔަށް ގެންދާ މުބާރާތެއް ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެއްވެސް ބެލެނިވެރިއެއްގެ ދަރިއަކު ނުކުޅެގެން ޝަކުވާއެއް ކުރާކަށް ނުޖެހޭނެކަންނޭންގެ މި މުބަރާތް ރާވާފައި އޮންނަ ގޮތުން. އެގޮތުން ހުރިހާ ކުދިންނަށްވެސް ހަމަ ފުރުސަތު ލިބޭނެ މި މުބާރާތުގައި ކުޅެން" ޢަލީ ވިދާޅުވިއެވެ.
އެހެންނަމަވެސް މުބާރާތް ރޭވިފައި އޮތް ގޮތުން އަތޮޅު ތެރޭގެ ޓީމުތައް ތިބީ މާޔޫސްވެފައި ކަމަށާއި، އަތޮޅު ތެރެއިން ޓީމުތަކަށް ބައިވެރިވެވޭ ގޮތަށް މި ފަހަރު ކުރިޔަށް ނުގެންދެވެނީ ދަނޑު ލިބުމުގެ ދަތިކަމާހުރެ އެކި ކަހަލަ އުނދަގޫތަކާއި ކުރިމަތިވާތީ ކަމަށް ޢަލީ ފާހަގަ ކުރެއްވިއެވެ.
ޢަލީ ޝަމީމް ވިދާޅުވީ ކުރިޔަށްވެސް ގިނަ މުބާރާތްތައް ރާވާފައިވާ ކަމަށެވެ. އެގޮތުން 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ މުބާރާތެއް މާލޭގައި ބޭއްވުމަށްކަމަށެވެ. އަދި ބޮޑު އީދުގައި އައްޑޫ ސިޓީގައި މުބާރާތެއް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.