އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އެއްވަނާގައިވާ އާސެނަލް 2-1އިން ބަލިކޮށް މެންޗެސްޓާ ސިޓީ އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފި އެވެ.
ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް ލީގުގެ ދެ ވަނަ ހޯދި އާސެނަލް އަށް މި ސީޒަނުގައި ލިބިފައި އޮތް ބޮޑު ލީޑް ހަނިވަމުން އައިސް މި މެޗަށް ނުކުތްއިރު ހަ ޕޮއިންޓްގެ ލީޑަކާއޮތް އާސެނަލް އަށް މިހާރު ވަނީ އަމިއްލަ ބާރު ގެއްލިފަ އެވެ. ސަބަބަކީ މި ބަލިވުމާއެކު ސިޓީއާ ދެމެދު އޮތް ފަހަރު ތިން ޕޮއިންޓަށް ހަނިވުމެވެ. އަދި ސިޓީ ނުކުޅެ ބާކީ މެޗެއް އޮތުމާއެކު އެ މެޗުން މޮޅުވެއްޖެނަމަ އާސެނަލްއާ ޕޮއިންޓުން ހަމަހަމަވާނެ އެވެ. ދެ ޓީމުގެ ނަތީޖާތަކުން ކުރި ލިބެނީ ސިޓީ އަށެވެ.
މި ވަގުތު އާސެނަލް އެއްވާނާގައިވަނީ 70 ޕޮއިންޓާއެކުގަ އެވެ. ސިޓީ ދެ ވަނާގައިވަނީ 67 ޕޮއިންޓާއެކުގަ އެވެ. ބާކީ އާސެނަލް އަށް ފަސް މެޗު ސިޓީ އަށް އޮތީ ހަ މެޗެވެ. ފައިދާ ގޯލަށް ބަލާއިރު އާސެނަލް އަށް 37 ގޯލު އަދި ސިޓީ އަށް އޮތީ 36 ގޯލެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މިރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ ސިޓީގެ 16 ވަނަ މިނިޓްގައި ރަޔަން ޗެރްކީ އެވެ. މީގެ ބަދަލުގައި ކައި ހަވަރޓްޒް 18 ވަނަ މިނިޓްގައި ލަނޑު ނަތީޖާ ހަމަހަމަ ކުރި އެވެ. ދެ ވަނަ ފަހަރަށް ސިޓީ އަށް ލީޑް ހޯދައިދިނީ 65 ވަނަ މިނިޓްގައި އިތުބާރު ފޯވަޑް އާލިން ހާލަންޑެވެ.
މި މެޗުން މޮޅުވި ނަމަވެސް ސިޓީގެ ކުޅުންތެރިން އުފާފާޅެއް ނުކުރެ އެވެ. އެކަމަކު ކުޅުންތެރިން ޗޭންޖިން ރޫމަށް ދިޔައީ ސަޕޯޓަރުންނާ ސަލާމް ކުރުމަށްފަހު ހިނިތުންވެ ތިބެ އެވެ. އިނގިރޭސި މީޑިއާތަކުން ބުނަނީ މިއީ ކިހާ މުހިންމު މޮޅެއްކަން ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.