ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއް 16 އަހަރަށް ޖަލަށް


  • ދައުވާ އުފުލާފައިވަނީ މ. މުނިޔާގެ، މުޙައްމަދު އަނިލްގެ މައްޗަށް

  • ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން

11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. މުނިޔާގެ މުމުރުން 47 އަހަރުގެ މުޙައްމަދު އަނިލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ފުލުހުން މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ. މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، މިމަހުގެ 15ވަނަ ދުވަހު މުޙައްމަދު އަނިލްގެ މައްޗަށް ހުކުމް ކޮށްފައިވާކަމަށެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން 16 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186ވަނަ މާއްދާގެ ދަށުން ބަންދުގައި ހުރި 4 މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، މުޙައްމަދު އަނިލް ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޮށްފައިވާ ކާމިޔާބު މަސައްކަތެއްކަން ފުލުހުން ވިދާޅުވިއެވެ.

ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި ކުޑަކުދިންނަށް ޖިންސީގޯނާކޮށް، އިހުމާލުވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް މިފަދަ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ކުރަމުންދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.