ޚަބަރު

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ފަހުމީ


  • ފަހުމީ ވަނީ ސްޓެލްކޯގެ އެމްޑީކަން ކުރައްވާފައި

  • އެ ކުންފުނީގައި 27 އަހަރު ޚިދުމަތް ކުރެއްވި

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް ޙުސެއިން ފަހުމީ އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ވިދާޅުވީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިޔު އެސްސީގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، މ. ފަތަޙަ، ޙުސެއިން ފަހުމީ މިއަދުން ފެށިގެން އައްޔަނުކުރައްވާފައިވާކަމަށެވެ.

އެމްޑަބްލިޔު އެސްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ފަހުމީ އައްޔަންކުރައްވާފައި ވާއިރު ކުރިން އެމަޤާމުގައި ހުންނެވި އަބްދުލްމަތީން މުޙައްމަދު އާދިއްތަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ސްޓެލްކޯގައި 27 އަހަރު ހިދުމަތް ކުރެއްވިފަހުން ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023 ގައެވެ. ހުސެއިން ފަހުމީއަކީ އެ ކުންފުނީގައި އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވި އެއް މުވައްޒަފެވެ. ސްޓެލްކޯއާ އޭނާ ގުޅިވަޑައިގަތީ 1988 ވަނަ އަހަރު ޓްރެއިނީއެއްގެ ގޮތުގައެވެ. އެމްޑީ ކަމުގެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ ފަހުން މިހާތަނަށް ފަހުމީ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަޤާމުގައެވެ.