ކުޅިވަރު

އޮބްލަކަށް ނުކުޅެވިދާނެ، ބާސެލޯނާއާ ދެކޮޅަށް ކުޅެން އެނގޭ: ސިމިއޯނޭ


ގޯލްކީޕަރު ޔާން އޮބްލަކަށް ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުޅެވިދާނެ ކަމަށް އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނޭ ބުނެފި އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ހުރިހާ ގޮތަކުން ވެސް އިތުބާރު އޮތީ އެތްލެޓިކޯ އަށެވެ. އެއީ ބާސެލޯނާގެ ދަނޑުގައި 2-0އިން މޮޅުވެފައި ވުމުންނެވެ.

"އަހަރެން އާއްމުކޮށް ޓީމު އިއުލާނު ކުރަނީ 7:30ގައި ހޮޓަލުގައި ތިބެގެން. އެހެންވީމާ އަދިވެސް ވަގުތު އެބައޮތް އޮބްލަކާ މެދު ގޮތެއް ނިންމަން. އަހަރެން ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތަށް ބަލާފައި. މި މެޗުގައި ކުޅެންވީ ގޮތް އަހަރުމެންނަށް އެނގޭ،" ބާސެލޯނާ 2-0އިން ބަލިކުރި މެޗުގައި ވެސް އަނިޔާގެ ސަބަބުން ނުކުޅެވިހުރި ޓީމުގެ އެއްވަނަ ކީޕަރާ ބެހޭ ގޮތުން ކޯޗު ސިމިއޯނޭ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު އެތްލެޓިކޯ އަށް އެންމެ ބޮޑަށް މައްސަލަ ކުރިމަތިވެފައިވަނީ ޑިފެންސް ލައިނަކަށެވެ. ޑޭވިޑް ހަންޗޯ އާއި ހޯސޭ މާރިއާ ގިމިނޭޒަށް އަނިޔާވެފައިވާއިރު މާކް ޕުބިލް ވަނީ ސަސްޕެންޑްކޮށްފަ އެވެ. މިހެންވެ ބާސެލޯނާއާ ދެކޮޅަށް މެޗު ފަށާނެ ކަމަށް ބެލެވެނީ ރޮވިން ލެނޯމަންޑާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓެވެ. މިއީ މި ދެ ކުޅުންތެރިން ފުރަތަމަ 11ގައި ކުޅޭ ފުރަތަމަ ފަހަރެވެ. ނަމަވެސް ކޯޗު ބުނީ މި ދެ ކުޅުންތެރިން އެކުގައި މީގެ ކުރިން މެޗެއް ފަށާފައި ނެތަސް އެކަމާ ފަރުވާލެއް ނެތް ކަމަށެވެ.

މިޑްފީލްޑަރު ކޯކޭ ބުނީ ބާސެލޯނާއާ ދެކޮޅަށް ކުޅެން އެނގޭ ކަމަށާއި މި މެޗުގައި ކަންކުރަންވީ ގޮތް މިހާރު ވެސް ނިންމައިގެން ހުރި ކަމަށެވެ.

"އަހަރެންގެ އުމުރަށް ބަލާނެ ކަމެއް ނެތް. އަހަރެން މިހުރީ ވަރަށް ފޯރީގައި މި މެޗުން މޮޅުވާން،" ކޯކޭ ބުންޏެވެ.

20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބާސެލޯނާ އެތްލެޓިކޯއިން އަތުން ބަލިވިއިރު އެ ޓީމަށް މި ސީޒަނުގެ ކޮޕާ ޑެލްރޭ ދިފާއު ކުރުމުގެ ފުރުސަތު ގެއްލުނީ ވެސް އެތްލެޓިކޯ އަތުން ބަލިވެގެންނެވެ.