ކުޅިވަރު

ޑިފެންސާމެދު ހާހެއް ނުވޭ، ކުޅެފިނަމަ ގޯލު ޖެހޭނެ: ފްލިކް


ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި މިރޭ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނައިރު ބާސެލޯނާގެ ޑިފެންސާ މެދު ހާސްނުވާ ކަމަށާއި ސަބަބަކީ ބާސެލޯނާ ރަނގަޅަށް ކުޅެފިނަމަ ގޯލު ޖެހޭތީ ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

މި މެޗަށް ބާސެލޯނާ ނުކުންނަނީ ތިން ލަނޑުގެ ތަފާތަކުން މޮޅުވެގެން ނޫނީ ސެމީ ފައިނަލަށް ނުދެވޭނެކަން އެނގިތިބެ އެވެ. އެއީ އަމިއްލަ ދަނޑުގައި އެތްލެޓިކޯ އަތުން 2-0އިން ބަލިވެފައިވާތީ އެވެ. މި މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން ޑިފެންޑަރު ކުބަރްސީ އަށް ނުކުޅެވޭނެ އެވެ. ނަމަވެސް އަނިޔާއިން ރަނގަޅު ވެގެން މިޑްފީލްޑަރު ފްރޭންކީ ޑިޔޮންގް މިރޭގެ މެޗަށް ނުކުންނާނެ އެވެ.

"އަހަރެން ހާހެއް ނުވޭ ޑިފެންސާމެދު. ސަބަބަކީ އަހަރުމެން ރަނގަޅަށް ކުޅޭ ކޮންމެ ފަހަރަކު ގޯލު ޖަހާތީވެ. މިއީ އަހަރުމެންނަށް ފައިނަލެއް ނޫން. އެކަމަކު މި މެޗު ނިމޭއިރު އަހަރުމެން މޮޅުވާން އަހަރެން ބޭނުން. ހުރިހާ ކުޅުންތެރިން ވެސް ތިބީ އެގޮތަށް،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ފުރަތަމަ މެޗުގައި ރަތްކާޑެއް ދައްކައި ބާސެލޯނާ އަށް ކުރިމަތިލާން ޖެހުނީ ހިތްދަތި ކަންތައްތަކެއް ކަމަށެވެ.

"އެކަމަކު ކޮންމެ މެޗަކީ އެފަދަ ގޮތެއް މެދުވެރިވާނެ މެޗެއް ނޫން. މިއީ އަހަރުމެންގެ ފަހަރު ކަމަށް ވެސް ވެދާނެ. އަހަރުމެން މި މެޗަށް ނުކުންނަނީ ހުރިހާ ގޮތަކުން ވެސް މޮޅުވާން ތައްޔާރަށް ތިބެގެން،" ކޯޗު ބުންޏެވެ.

20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބާސެލޯނާ އެތްލެޓިކޯއިން އަތުން ބަލިވިއިރު އެ ޓީމަށް މި ސީޒަނުގެ ކޮޕާ ޑެލްރޭ ދިފާއު ކުރުމުގެ ފުރުސަތު ގެއްލުނީ ވެސް އެތްލެޓިކޯ އަތުން ބަލިވެގެންނެވެ.