މާޒިޔާގެ މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) ހަތް އަހަރަށް ފަހު ކުލަބު ބަދަލު ކުރަން ނިންމައިފި އެވެ.
ޕީއެސްއެމް ސްޕޯޓްސް އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އޭދަފުށްޓަށް އުފަން މިޑްފީލްޑަރު ދެން ފެނިގެންދާނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބުންނެވެ. ހަމްޕު އާއި ވިކްޓަރީ ވަނީ ސީޒަން ނިމުމުގެ ކުރިން މަޝްވަރާ ކޮށްފަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އެއްވެސް ފަރާތަކުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.
ހަމްޕު ކުލަބު ދޫކޮށްލިއިރު އޭނާ އަކީ އެންމެ ތައްޓަކާއެކު މި ސީޒަން ނިންމާލި މާޒިޔާ ދޫކޮށްލި ފުރަތަމަ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން ވިކްޓަރީ އެފްއޭކަޕުން ކެޓުމާއެކު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ކާމިޔާބު ހޯދަން ބޭނުންވާނަމަ މޮޅު ކުޅުންތެރިން ވިކްޓަރީ އަށް ގެންނަން ޖެހޭ ކަމަށް ބުނެފަ އެވެ.
ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހު މެމްބަރު އަބްދުﷲ ޝަރީފް ޗެއާމަންކަން ކުރައްވާ ވިކްޓަރީ ހިންގުމުގައި އިސްދައުރެއް އަދާ ކުރައްވަނީ ރޯޑް ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ނަޒީމެވެ.
ރާއްޖޭގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ހަމްޕު އަކީ ނިއުރޭޑިއަންޓުން ކުޅެން ފެށި ކުޅުންތެރިއެކެވެ. ހަތް އަހަރަށް މާޒިޔާ ދޫކޮށްލަން ނިންމައި އޭނާ ބުނީ މާޒިޔާގައި ހޭދަކުރީ ކާމިޔާބު އުފާވެރި ދުވަސްތަކެއް ކަމަށާއި އޭނާ އަށް އިތުބާރުކޮށް މާޒިޔާއިން ދިން ފުރުސަތަށް ޝުކުރު އަދާ ކުރާ ކަމަށެވެ.