އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުން ދިޔަ ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ފުން ޚިޔާލުތަފާތުވުންތަކަށް އަވަސް ޙައްލެއް ފެނުމުގެ އުންމީދު ކުޑަ ނަމަވެސް، އިސްލާމްއާބާދުގައި އޭޕްރިލް 11 ވަނަ ދުވަހު ފަށާ މަޝްވަރާތަކުގައި ޕާކިސްތާނުގެ މައިގަނޑު އަމާޒަކީ ދެ ފަރާތުގެ ދެމެދުގައި ވާހަކަތައް މެދުނުކެނޑި ކުރިއަށްގެންދެވޭނެ މަގެއް ފަހިކުރުން ކަމުގައި އޮފިޝަލުން ހާމަކުރައްވައިފިއެވެ. ޔަހޫދީންނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމަ ފެށްޓެވީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ.
ގާތްގަނޑަކަށް ހަ ހަފުތާއަށް ދެމިގެންދިޔަ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑައިލާފައިވާކަން އިޢުލާނުކޮށްފައި ވަނީ އޭޕްރިލް 7 ވަނަ ދުވަހުއެވެ. އަދި، ސުލްޙައިގެ މަޝްވަރާތައް އިޢުލާނުކޮށްފައިވާއިރު، މި ކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ އިސްލާމްއާބާދުގެ ސަރުކާރުންނެވެ. ހޮނިހިރު ދުވަހު ފަށާ މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވާނީ ނައިބު ރައީސް ޖޭޑީ ވޭންސްގެ އިތުރުން ހުޅަނގު އޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފާއި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނަރއެވެ. އީރާންގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފީއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އިސްލާމްއާބާދުގެ ސެރީނާ ހޮޓަލުގައި ކުރިއަށްދާނީ "ޕްރޮކްސިމިޓީ" ނުވަތަ ނުސީދާ މަޝްވަރާތަކެކެވެ.
އެކުވެރި ދައުލަތްތަކަށް (އދ) ޕާކިސްތާނުން ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު ޒާމިރު އަކްރަމް ވިދާޅުވީ، މަޝްވަރާތަކުގެ ކާމިޔާބީ ބެލޭނެ އެއް މިންގަނޑަކީ، ދެ ފަރާތުގެ ދެމެދުގައި ވާހަކަތައް މެދުކަނޑައިނުލައި ކުރިއަށް ގެންދިޔުމަށް އެއްބަސްވެވުން ކަމުގައެވެ. ބައިނަލްއަޤުވާމީ ދާއިރާގެ ދާރިސެއް ކަމުގައިވާ ސަލްމާ މާލިކް ވިދާޅުވީ، ދެ ފަރާތުން ޕާކިސްތާނަށް އިތުބާރު ކުރުމަކީ މެދުވެރިއެއްގެ ހައިސިއްޔަތުން އިސްލާމްއާބާދަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައެވެ.
ޕާކިސްތާންގެ އިސްނެގުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ތާރީފުކުރައްވާފައިވާއިރު، ފަރަންސޭސިވިލާތް، ތުރުކީވިލާތް އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުން ވެސް ވަނީ ތާޢީދުކޮށްފައެވެ. ނަމަވެސް، ލުބްނާނަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތައް މެދުކަނޑައިލާފައި ނެތުމަކީ، މި މުހިންމު މަޝްވަރާތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެއީ، ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި އީރާނުން ސިފަކުރި ނަމަވެސް، ވޭންސް ވަނީ އެ ކަމާ އިންކާރު ކުރައްވާފައެވެ. އަދި، ޓްރަމްޕާއި ވައިޓް ހައުސުން ވެސް ފަހުން ވަނީ އެއްބަސްވުމުގައި ލުބްނާންގެ މައްސަލަ ނުހިމެނޭނެ ކަމުގައި ބުނެފައެވެ.
ޕާކިސްތާންގެ ޚާރިޖީ ދާއިރާގެ މާހިރެއް ކަމުގައިވާ ސީމާ ބަލޯޖް ވިދާޅުވީ، މަޝްވަރާތައް ފެށުމުގެ ކުރިން ވާހަކަތަކަށް ހުރަސްއެޅުމަށް ޔަހޫދީން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، މަޝްވަރާތައް ހުއްޓުވައިލުމުގެ ފުރުޞަތު ޔަހޫދީންނަށް ދިނުމާ މެދު ގޮތެއް ނިންމަންޖެހޭނީ އެމެރިކާއިން ކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ. ޕާކިސްތާންގެ ކުރީގެ ފޮރިން ސެކްރެޓަރީ ސަލްމާން ބަޝީރު ޤަބޫލުކުރައްވާ ގޮތުގައި، އެމެރިކާއިން ބޭނުންވެއްޖެ ނަމަ ޔަހޫދީންގެ ޙަމަލާތައް ހުއްޓުވޭނެއެވެ.