ޔަހޫދީންގެ އިސްތިޢުމާރީ ބާރުން ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި އަޅުވެތިކަމުގެ ދަށުން ބަންދުކޮށްފައި އޮތް މަސްޖިދުލްއަޤްޞާގެ ދޮރުތައް އަލުން ހުޅުވައިލައިފިއެވެ. ބައިތުލްމަޤްދިސްގައިވާ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގެ ދޮރުތައް އޭޕްރިލް 9 ވަނަ ދުވަހުގެ ފަތިސް ނަމާދުގެ ބަންގިއާއެކު ހުޅުވައިލާފައި މި ވަނީ 40 ދުވަހުގެ ބަންދަކަށް ފަހުއެވެ.
ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނަށް އަޤްޞާ ބަންދުކޮށްފައި ވަނީ، ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ އެކުގައެވެ. މި ބަންދުގެ ދަށުން، 1967 ގެ ފަހުން ފުރަތަމަ ފަހަރަށް ޔަހޫދީން ވަނީ، އެ މިސްކިތުގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ވެސް މުސްލިމުންނަށް ހުރަސްއަޅާފައެވެ. މަންޒަރު ފެނުނު މީހުން ބުނީ، މިއަދު ފަތިހު މިސްކިތުގެ ގޯތިތެރެއަށް ވަތް އެތައް ސަތޭކަ މުސްލިމުންގެ ލޮލުން ކަރުނަ އޮހެމުން ދިޔަކަމުގައެވެ.
ހުޅަނގު އައްސޭރިއާއި ޤުދުސްގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީން ފާއިތުވި 40 ވަރަކަށް ދުވަހުގެ ތެރޭގައި ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި އަނިޔާވެރިކަން ފުޅާކޮށްފައެވެ. މި ގޮތުން، ޔަހޫދީ ސިފައިންގެ ޙިމާޔަތުގައި އެ މީހުން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު އަންދައި، ބިންތައް ފޭރި، ގިނަ ބަޔަކަށް ޙަމަލާދީ، އަނިޔާކޮށްފައެވެ.
އެކުވެރި ދައުލަތްތަކުގެ (އދ) ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 އިން ފެށިގެން ޔަހޫދީން ވަނީ ހުޅަނގު އައްސޭރިން 1,100 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް، 10,000 އަށްވުރެ ގިނަ މީހުން ގެދޮރުން ބޭރުކޮށްލާފައެވެ. އަދި، ފަލަސްޠީނުގެ ބިންތަކަށް އަރައި، ޞަހްޔޫނީ ދައުލަތުގެ ސިފައިން ވަނީ ލާއިންސާނީ ޖަރީމާތައް ހިންގައި، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްގެން ގެންގޮސްފައެވެ.