ޚަބަރު

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސްގެ ދެކަނބަލުން ސަޢޫދީއަށް


  • މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ސަރުކާރުން

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ކުރާއްވާ މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކަމަށެވެ. އަދި ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ހަމަޖައްސަވާފައެވެ.

2024 ވަނަ އަހަރުވެސް ރައީސްގެ ދެކަނބަލުން ވަނީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ޚާއްޞަ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގެންފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ، މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްވެސް ސަޢުދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ.