ޚަބަރު

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


  • އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ މީހުންނަށް ކުރިމަތިލެވޭނެ

  • ފުރުޞަތު އޮންނާނީ މިމަހުގެ 7 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް

  • މިޕްރޮގްރާމް ކުރިއަށްގެންދަނީ 3 މަސް ދުވަހަށް

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ ބައިވެރިވުމަށް ކުރިން ދީފައިއޮތް މުއްދަތު ކަމުގައިވާ މިމަހުގެ 5ވަނަ ދުވަހާ ހަމައަށް ބަންދުދުވަސްތަކެއް އައިސްފައިވާތީއާއި މި ޕްރޮގަރާމުގައި ބައިވެރިވުމުގެ މުއަދަތު އިތުރުކޮށްދިނުމަށް ބެލެނިވެރިންވެސް އެދެމުންދާތީކަމަށެވެ.

ދިފާއީ ވުޒާރާއިން ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 7 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ މިިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 1ވަނަ ދުވަހުއެވެ.

މިޕްރޮގްރާމް ކުރިއަށްގެންދަނީ 3 މަސް ދުވަހަށެވެ. އަދި ތިންވަނަ ތަމްރީން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ ފަހު ހަފްތާގައިކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ. އެހެން ތަމްރީން ޕްރޮގްރާމްތަކެކޭ އެއްފަދައިން މި ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ.މާފިލާފުށީގައެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދާނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މިޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދޭނެއެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް [email protected] އަށް ނުވަތަ ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ދިފާޢީ ވުޒާރާއާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ކުރިން ހިންގި ތަމްރީނު ޕްރޮގްރާމުތަކުން ދަސްވެނިވި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުތަކަށް ނުހޮވޭ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރި ތަންތަނުން އެކުދިންނަށް ސަރުކާރުން ވަނީ ވަޒީފާ ހަމަޖައްސައިދީފައެވެ.