ސަރުކާރުން ތަޢާރަފްކުރި ޓެކްސީ ލައިންގެ ޚިދުމަތާއެކު ޤައުމީ ޓެކްސީގެ ޚިދުމަތަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށާއި، މި ޚިދުމަތް 24 ގަޑިއިރު ދެވޭނެކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ސަރުކާރުން ތަޢާރަފްކުރާ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީ ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތަކީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބޭއްވި އެކިއެކި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުން ފާޅުކުރި އެންމެ ބޮޑު އެއް ކަންބޮޑުވުންކަމަށެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ، އެ ކަންކަމަށް ހައްލު ގެނައުމަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރިއަށްގެންދަވާކަން ފާހަގަކުރައްވާ އަޙުމަދު ސަޢުދީ ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތަކީވެސް ރައްޔިތުންގެ އޮތް ކަންބޮޑުވުމެއްކަމަށެވެ. އަދި މިރޭ މި ޚިދުމަތް ރަސްމީކޮށް ފެށިގެންދިއުމާއެކު، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި ޚިދުމަތާއެކު ޤައުމީ ޓެކްސީގެ ޚިދުމަތަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށް ވިދާޅުވިއެވެ.
"މާލޭ ޓެކްސީ ލައިންގެ ޚިދުމަތާއެކު ޤައުމުގެ ޓެކްސީ ގެ ޚިދުމަތަށް އިންޤިލާބީ ބަދަލެއް އަންނާނެކަން އަޅުގަނޑު ޔަޤީންކުރަން". އަހުމަދު ސަޢުދީ ވިދާޅުވިއެވެ.
މީގެއިތުރުން ސަޢުދީ ވަނީ، މާލެ ޓެކްސީ ލައިންގެ ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަ އަދި ރައްޔިތުންނަށް އިތުބާރުކުރެވޭ ޚިދުމަތަކަށް ހެދުމަށް އެމްޓީސީސީގެ މުވައްޒަފުން މަސައްކަތް ކޮށްދިނުމަށް އެދިފައެވެ.
"މިރޭ މި ފެށޭ ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނަށް އިތުބާރުކުރެވޭ އަދި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ ޚިދުމަތަކަށް ހެއްދެވުމަށް އެމްޓީސީސީގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކޮށްދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް". އަޙުމަދު ސަޢުދީ ވިދާޅުވިއެވެ.
ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ، %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، މުޅި ޚިދުމަތަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
ކުޑަރަށެއް ބޮޑު ރަށެއް ނުބައްލަވާ، ޤައުމުގެ ޢުމްރާނީ ތަރައްޤީއަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރިއަށްގެންދަވާކަން ފާހަގަކުރައްވާ ސަޢުދީ ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން އެކަނިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދާކަމަށެވެ.