ޚަބަރު

އީރާނުގެ ވެރިރަށަށް ޔަހޫދީންގެ ގިނަ ޙަމަލާތަކެއް


އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީގެ މަރުކަޒުތަކަށް އަމާޒުކޮށްކަމަށް ބުނެ، އީރާނުގެ ވެރިރަށް ޠަހްރާނަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފިއެވެ.

ޔަހޫދީންގެ ނިރުބަވެރި ފައުޖުން ބުނި ގޮތުގައި، މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ޠަހްރާނުގައި ހުންނަ އައިއާރުޖީސީގެ އެއްގަމު ސިފައިންގެ މައި މަރުކަޒަށެވެ. މީގެއިތުރުން، ބެލިސްޓިކް މިސައިލް ރައްކާކުރާ ގުދަނަކަށްވެސް ޙަމަލާދީން ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް، އެ ޙަމަލާތަކުގައި އައިއާރުޖީސީގެ މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ތަފްޞީލެއް އަދި ނޭނގެއެވެ.

ފެބްރުއަރީ 28ވަނަ ދުވަހުން ފެށިގެން، އެމެރިކާއާ ގުޅިގެން އީރާނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ ނިރުބަވެރި ޢުދުވާނުގައި އީރާނުގެ އެކި ސަރަޙައްދުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތައް ދަނީ ދެމުންނެވެ.

އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި ތެދުވެ، އީރާނުން ވެސް ދަނީ ޔަހޫދީންގެ މުޙިއްމު ބިނާތަކުގެ އިތުރުން މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ.

ޔަހޫދީން އަނެއްކާވެސް ޠަހްރާނަށް އައު ޙަމަލާތަކެއް ދީފައިމިވަނީ، ހަނގުރާމައިގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލުކުރެވިފައިވާ ކަމަށާއި، ނަމަވެސް އެ ޤައުމު "އިހު ޒަމާނުގެ" ޙާލަތަށް ވައްޓައިލުމުގެ ގޮތުން ބޮން އެޅުން ކުރިއަށް ގެންދަވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ.

ހަނގުރާމައާ ގުޅިގެން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަވަމުން ގެންދަވާ ޓްރަމްޕް މި އިންޒާރު ދެއްވާފައިވަނީ، ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް ގެންނާނެކަމަށް ވިދާޅުވުމަށްފަހުއެވެ.

ބުދަ ދުވަހު ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އީރާނުގެ އަސްކަރީ ބާރު ކެނޑިފައިވާ ކަމުގައި އަނެއްކާވެސް ދަޢުވާ ކުރައްވާފައެވެ. އަދި، އެ ޤައުމުގެ މަދަނީ ބިނާރާއި ކަރަންޓު އުފައްދާ މަރުކަޒުތައް ސުންނާފަތިކޮށްލުމަށް އޭނާ ވަނީ އިތުރު އިންޒާރެއް ދެއްވާފައެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅި ބަންދުވުމާއި ތެލުގެ އަގު އުފުލުމުގެ ޒިންމާ އީރާނުން އުފުލަން ޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. މި ހަނގުރާމައަށް ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) އެހީތެރިކަން ނުލިބުމުން އޭނާ ވަނީ އެ ކަމާ މެދުވެސް ކަންބޮޑުވުން ފާލުކުރައްވާފައެވެ.