ތަރައްްޤީ

ޕާކިން ސްލޮޓްތައް ދޫކުރާނީ އުސޫލާ އެއްގޮތަށް: އެޗްޑީސީ


  • ސްލޮޓްތައް ދޫކުރަނީ ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުއަތުނެގުމަށްފަހު

އުސޫލާއި ޚިލާފަށް ހުޅުމާލޭއިން ޕާކިންގ ސްލޮޓުތައް ދޫކުރާކަމަށް ބުނެ މީޑިއާގައި ދައުރުވާ ޚަބަރުތައް ހައުސިންގި ޑިވެލޮޕްމަންޓް ކޯރޕަރޭޝަނުން ދޮގުކޮށްފިއެވެ.

ހުޅުމާލެ ދިމާވެފައިވާ ޕާކިންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކުރިޔަށް ގެންދިޔަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޕޮކޭޓުތަކެއް 2024 ވަނަ އަހަރު ވަނީ ތަޢާރަފްކޮށްފައިއެވެ. އަދި މި ޕާކިން ޕޮކެޓުތައް ދޫކުރުމަށްޓަކައި އެ އަހަރުގެ ތެރޭގައި ވަނީ އާންމުކޮށް ހުޅުވާލާފައިއެވެ.

ޕާކިން ޕޮކެޓުތައް އާންމުންނަށް ހުޅުވާލާފައިވާއިރު، އެޗްޑީސީއިން ވަކި ބަޔަަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް ވިއްކާކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މިކަމާގުޅިގެން އެޗްޑީސީއިން ވިދާޅުވީ، ޕާކިން ސްލޮޓުތައް ދޫކުރާނީ ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވެފައިވާ ބައިވެރިންނަށްކަމަށެވެ. އަދި އެ ކޯޕަރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު މަޢުލޫމާތު ޝާއިޢުނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައިއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ މި ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭނީ، ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށެވެ. އެއަށްފަހު، ހުޅުމާލެ ފިޔަވައި މާލޭ ސަރަޙައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރެވޭނެއެވެ.

ޕާކިން ޖާގަ ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބު:

• ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން
• ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭ ރައްޔިތުން
• މާލޭ ސަރަހައްދުގައި (ހުޅުމާލެ ނުހިމަނާ) ދިރިއުޅޭ ރައްޔިތުން

މި ޕާކިން ޒޯނުތަކުން ޕާކުކުރާނެ ޖާގަ ކުއްޔަށް ހިފާނެ ފަރާތްތައް ކަނޑައަޅާނީ، އެ ޒޯނަކުން ޕާކިން ޖާގައަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުންނެވެ.

އެޗްޑީސީން ވިދާޅުވީ، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ 8 ޕޮކެޓް ޕާކިން ޒޯނަކުން 1،374 ޕާކިން ޖާގަ ކުއްޔަށް ދޫކުރާނެކަމަށެވެ. މި ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހަށް ކަމަށާއި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ މަހަކު 2،000 ރުފިޔާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.