ޚަބަރު

މިދިޔަ އަހަރު ބީއެމްއެލްއިން ދުވާލަކަށް 1.84 މިލިޔަން ޑޮލަރު ދޫކުރި


  • މިދިޔަ އަހަރު މުޅި ޖުމްލަ 672.5 މިލިޔަން ޑޮލަރު ވިއްކި

  • މިއީ %70 އިތުރު އަދަދެއް

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް 1.84 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު ބޭންކުން ވިއްކި ޑޮލަރުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ތެރޭގައި އެބޭންކުން ވަނީ ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް މުޅި ޖުމްލަ 672.5 މިލިޔަން ޑޮލަރު ވިއްކާފައެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 1.84 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %70 އިތުރު އަދަދެއްކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

2025 ވަނަ އަހަރު ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ޖުމްލަ 175 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ. މީގެ ތެރެއިން 104 މިލިޔަން ޑޮލަރު ވިއްކާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް، ޑެބިޓްކާޑާއި ކްރެޑިޓްކާޑުތަކަށް ޖުމްލަ 390 މިލިޔަން ޑޮލަރު މިދިޔަ އަހަރު ވަނީ ހަމަޖައްސާދީފައެވެ.

ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް 98.5 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު ޢުމްރާ ވެރިންނަށް 9 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

މިކުރިއެރުމާއެކު، ކަސްޓަމަރުންގެ ކާޑު ލިމިޓްތައް އިތުރުކޮށްދިނުމުގެ ފުރުސަތު ލިބި، ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކާއި، ތައުލީމީ، ޞިއްޙީ ފަރުވާ ހޯދުމާއި އަދި ވިޔަފާރީގެ ބޭނުންތަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޑޮލަރުގެ އެހީތެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

ޓީޓީގެ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރުގެ 50 އިންސައްތައާ ހަމައަށް ފޯރުކޮށްދޭން ބީއެމްއެލްއިން ފެށީވެސް މިދިޔަ އަހަރު ތެރޭގައެވެ. މިއީ 2024 ވަނަ އަހަރު ޑޮލަރު ސަޕޯޓް ދެމުން އައި 5 އިންސައްތަ އާއި 10 އިންސައްތައާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ބޭންކުން ފާހަގަކުރެއެވެ. މި ބަދަލާއެކު އަހަރު ނިމުނު އިރު، ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު 4 ގުނަ އިތުރުވެފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.