ޚަބަރު

"ޓިމޯ ލެސްޓޭ ނުކުންނާނީ 3 ވަނަ ދިފާއުކުރަން"


  • މި މެޗު އެއްވަރުވިޔަސް ޓިމޯ ލެސްޓޭއަށް 3 ވަނަ ކަށަވަރުވާނެ

  • ރާއްޖެއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ޓިމޯ ލެސްޓޭއިން ގެންދިޔައީ 1-0

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް މިި ނިކުންނަނީ 3 ވަނަ ދިފާއުކުރަން ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް ޓިމޯ ލެސްޓޭގެ ކެޕްޓަން، ޕައޮލޯ ޑޮމިންގޭސް ފްރެއިޓާސް ބުނެފިއެވެ.

ފީފާ ރޭންކިންގެ 179 ވަނައިގައި އޮތް ޓިމޯ ލެސްޓޭއިން ކޮލިފައިންގައި ނިކުންނަ ފަހު މެޗުގެ ކުރިން ގަޅޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުގެ ކެޕްޓަން ބުނީ މި މެޗަށް ދެޓީމުންވެސް ނިކުންނަނީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށެވެ.

"ވަރަށް ބައިވަރު އެއްޗެހި ބުނަން ބޭނުން. މާދަމާ އަހަރުމެންގެ އަމާޒު ހާސިލުވާނެ ކަމަށް އުންމީދުކުރަން. މިހާ ހިސާބަށް އައިއިރު ނަތީޖާ ރަނގަޅެއް ނޫން އެކަމަކު ކޯޗު ބުނިހެން މާދަމައަކީ ކޮލިފަޔާސްގެ ފަހު މެޗު. އަހަރުމެން ބޭނުންވަނީ އެންމެ ރަނގަޅަކަށް ނިންމަން" ކެޕްޓަން ބުންޏެވެ.

މާދަމާ ޓިމޯ ލެސްޓޭ ނިކުންނާނީ 3 ވަނަ ހޯދުމުގެ އަޒުމުގައެވެ. ޓިމޯ ލެސްޓޭ ޓީމުގެ ކޯޗު ބުނެފައިވަނީ ރާއްޖޭގައި މިމެޗު ކުޅެން ޖެހުމަކީ އުނދަގުލެއް ކަމަށާއި، އަމިއްލަ ޤައުމުގައި ކުޅުމުގެ ފައިދާ ރާއްޖެއަށް އޮތްއިރު، ގުރޫޕުގެ ތިންވަނަ ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކޮލިފައިންގައި މި ދެޓީމު ފުރަތަމަ ބައްދަލުކުރި މެޗު އޮތީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހު އޮސްޓްރޭލިއާގައެވެ. އޮސްޓްރޭލިއާގެ ޑާވިން ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމުގައި އެ މެޗު ކުޅުނީ ޓިމޯ ލެސްޓޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ދަނޑެއް ނެތުމުންނެވެ.

އެ މެޗު އެއްވަރުވެގެން ފުރަތަމަ ހާފު ނިމޭނެ ކަމަށް ބެލެވިފައިވަނިކޮށް، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި، ޓިމޯ ލެސްޓޭ އިން ލީޑުނަގާ އެ މެޗު ނިންމާލީ 1-0 މޮޅުވެ ރާއްޖެއަތުން ތިން ޕޮއިންޓު ހޯދައިގެންނެވެ. އެ ފަހަރު ގައުމީ ޓީމަށް ކޯޗުކޮށްދިނީ އަލީ ސުޒެއިންއެވެ. އެ މެޗުން ރާއްޖެ ވީ ބައްޔާއެކު އެނބުރި ރާއްޖެ އައުމުގެ ކުރިން ސުޒެއިން ވަނީ ކޮލިފައިންގައި މޮޅެއް ހޯދައިނުދެވުމުން މާފަށް އެދި ގައުމީ ކޯޗުކަމުން އިސްތިއުފާ ދީފައެވެ.

އޭގެފަހުން ޓީމާ ހަވާލުވީ މުޙައްމަދު ޝިޔާޒު (މޯހަން) އެވެ. އެހެންނަމަވެސް މިފަހަރު ގައުމީ ޓީމުން އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި މި ނިކުންނަނީ ކުރިން ރާއްޖޭގެ ޓީމުގެ ފެންވަރު މަތިކޮށްދިން ކޯޗު އިސްޓަވާން އުރުބާނީއެވެ.

އޭއެފްސީ އޭޝިއަންކަޕް އޮންނާނީ 2027 ވަނަ އަހަރު ސައުދީއަރަބިއްޔާގައެވެ. ރާއްޖެ ހިމެނޭ ގުރޫޕުގެ އެއްވަނައިގައި އޮތީ ޕިލިޕީންސްއެވެ. ފުލުގައި ރާއްޖެ އޮތްއިރު މިވަގުތު ތާވަލުގެ ތިން ވަނައިގައި އޮތް ޓިމޯ ލެސްޓޭއިން ބޭނުންވަނި ރާއްޖެ މެޗުން މޮޅުވެ 3 ވަނަ މަގާމު ދިފާއުކުރުމަށެވެ.