ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓުވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ހުރްމުޒުން ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ތައްޔާރުވެ، ޤާނޫނުހަދާ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ތެހްރާނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަޖިލީހުގެ މަދަނީ ދާޚިލީ ކަންކަމާ ބެހޭ ކޮމިޓީގެ މުގައްރިރު ވަނީ އެ ކަން ކަށަވަރު ކޮށްދެއްވާފައެވެ.
މި ކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހުރްމުޒުން ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމުގެ ފުރުޞަތު އީރާނަށް ނުދެއްވާނެ ކަމުގައެވެ. އަދި، އީރާނުން އެ ފަދަ ފިޔަވަޅެއް ތަންފީޒުކުރަން ފަށައިފިނަމަ، އެންމެ "ދެ މިނެޓު ތެރޭގައި" އެ ކަން ހުއްޓުވާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އީރާންގެ މި ފަދަ ކޮންމެ ފިޔަވަޅެއް ހުއްޓުވުމުގެ ފުރިހަމަ ޤާބިލުކަން އެމެރިކާގެ އަސްކަރިއްޔާއަށް ލިބިގެންވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި އިންޒާރުތައް އައިސްފައިވަނީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޞަހްޔޫނީ ދައުލަތުން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، އަމިއްލަ ދިފާޢުގައި އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުން ސަރަޙައްދީ މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ އިސްލާމީ އިންޤީލާބީ ލަޝްކަރުން (އައިއާރްޖީސީ) ދަނީ ގަލްފުގެ ޢަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ޞަހްޔޫނީންގެ އަމާޒުފަތްތަކަށް ވަރުގަދަ ޙަމަލާތަކެއް އަމާޒުކުރަމުންނެވެ. އެމެރިކާއާއި ޞަހްޔޫނީންގެ އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި ވެސް އޮތީ ބަންދުކޮށްފައެވެ.
އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ހުށަހަޅާފައިވާ ޝަރުޠުތަކަށް އީރާނުން އިޖާބަނުދީފިނަމަ، އެއީ "ޤައުމެއްގެ ގޮތުގައި ދެމިއޮންނާނެ ތަނެއް ނޫން" ކަމުގައެވެ. "އެ މީހުން މިހާރު އެ ތިބީ އިނދަޖެހިފައި. އެ މީހުން ނިއުކްލިޔަރ ހަތިޔާރުތައް ދޫކޮށްލާނެ. އަޅުގަނޑުމެން ބޭނުންވާ ކޮންމެ ކަމެއް އެ މީހުން ކުރާނެ،" ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން، އީރާނުން ދެމުންދާ ޙަމަލާތަކަށް ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި އެކުވެރި ޢަރަބި ޢިމާރާތާއި ބަޙްރަޔިނުން ރައްދު ދެމުންދާ ކަމުގައި ވެސް އޭނާ ދަޢުވާކު
ރެއްވިއެވެ.