ޚަބަރު

"އިންތިޚާބުތަކުގެ އިސްލާހުން ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލެއް ނާންނާނެ"


  • ގާނޫނުއަސާސީއަށް ގެންނަ އިސްލާހުން ބަދަލު އަންނަނީ އިންތިހާބީ އޮނިގަނޑަށް

އިންތިހާބުތައް އެއްދުވަހެއްގައި ބާއްވާގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރިނަމަވެސް، ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހާމެދު ގާނޫނީ ނަޒަރަކުން ބަހުސްކުރުމަށް ބާ ކައުންސިލުން ބާއްވާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާނޫނީ މާހިރުން ހިމެނޭ މި ފޯރަމްގައި ކުރެވުނު މައިގަނޑު އެއް ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަ 8 ވަނަ އިސްލާހުން ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލެއް އަންނާނެތޯއެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑުތަކަކީ، އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ވާހަކަތައް ހިމެނޭ މާއްދާތައްކަމަށެވެ. އޭގެތެރޭގައި ރައްޔިތުން އިންތުިޚާބުކޮށްގެން މަގާުމުތަކަށް ވެރިން އައްޔަންކުރުމަށް ރައްޔިތުންނަށް އޮންނަ ބާރު ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ ބަދަލުން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ބާރުތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ. އެހެންކަމުން އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުން ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ. އަދި އިންތިހާބީ މަގާމުތަކަށް މީހުން އައްޔަންކުރުުމުގެ ބާރުވެސް އޮންނާނީ ރައްޔިތުންގެ ކިބައިގައިކަން ބަންޑާރަނައިބު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުން ބަދަލު އަންނަނީ އިންތިހާބުތައް މިހާރު ބާއްވަމުން އަންނަ އުސޫލުތަކަށްކަމަށެވެ.

"ގާނޫނުއަސާސީއަށް ގެންނަ އިސްލާހުން ބަދަލު އަންނަނީ އިންތިހާބީ އޮނިގަނޑަށް" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް ގެންނަ ނިންމާފައިވާ އިސްހާހާއި ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓު އޮންނަނީ އަންނަ ހުކުރު ދުވަހު އެވެ.

ބާ ކައުންސިލުން ކުރިއަށްގެންދާ ފޯރަމްގެ ބޭނުމަކީ އެކަމާއި ގުޅިގެން ވަކިގޮތަކަށް ރައުޔު ނެރުމުގެ ބަދަލުގައި ދުސްތޫރީ އަދި ގާނޫނީ ނަޒަރަކުން ވަކި ފަރާތަކަށް ނުޖެހި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުންކަމަށެވެ.