މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް، ޔަމަނުގެ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ވަދެ، ޔަހޫދީންގެ ނިރުބަވެރި ދައުލަތަށް ޙަމަލާތައް އަމާޒުކުރަން ފަށައިފިއެވެ.
މިއީ، ފެބްރުއަރީ 28ގައި އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ނިރުބަވެރި ޢުދުވާނު ފެށި ފަހުން، ޙޫޘީން މި ހަނގުރާމައިގެ ތެރެއަށް ވަދެ ޙަމަލާދިން ފުރަތަމަ ފަހަރެވެ.
ޔަހޫދީންގެ ނިރުބަވެރި ފައުޖުން ބުނީ، ޔަމަނުން އަމާޒުކުރަމުންދާ ވައިގެ ޙަމަލާތަކުން ދިފާޢުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޙޫޘީންގެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ، އީރާނާއި ލުބްނާނު އިރާޤު އަދި ފަލަސްޠީންގެ ސަރަޙައްދުތަކުގައި ޔަހޫދީން ހިންގަމުންދާ ނިރުބަވެރި ޢުދުވާނުތައް ހުއްޓައިލަންދެން، ޔަހޫދީންނަށް ޙަމަލާދިނުން ހުއްޓައިނުލާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދިން ޙަމަލާތަކުގެ ރައްދުގައި، އީރާނާ ބައިވެރިވެގެން ހޫޘީން ވަނީ ޔަހޫދީންނަށް ޙަމަލާދީފައެވެ.
އެއީ އީރާނާ ގުޅިގެން ޙަމަލާއެއް ދީފައިވާ ކަމަށް އެ ޖަމާޢަތުން ފާޅުގައި ބުނި ފުރަތަމަ ފަހަރެވެ.
މީގެއިތުރުން، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދޭން ފަށައިފައެވެ. އެ ގޮތުން ރަތްކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓު ފަހަރަށް ޙޫޘީން ގިނަ ޙަމަލާތަކެއް ދީފައިވެއެވެ.
ޔަހޫދީންނާއި އެމެރިކާއިން އީރާނަށް އަމާޒުކުރަމުންދާ ޙަމަލާތަކުގައި ވެސް އެ ޤައުމުގެ 1،937 މީހުން ޝަހީދުވެ 24،800އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.