ޚަބަރު

މުޒާހަރާގެ ބައިވެރިންގެ މަރާ ގުޅިގެން ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ހައްޔަރުކޮށްފި


2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލުގައި ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވި ހާދިސާގައި އިހުމާލުވި ކަމުގެ ތުހުމަތުގައި، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

މި މައްސަލައިގެ ތަޙުޤީޤަށް އޮލީގެ އިތުރުން، އެއިރުގެ ދާޚިލީ ވަޒީރު ރަމޭޝް ލޭކާކް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި މި ވަނީ، މުޒާހަރާއާ ގުޅިގެން ހިނގި ހަމަނުޖެހުންތައް ތަޙުޤީޤުކުރި މިނިވަން ކޮމިޝަނަކުން، އެ ކަމުގައި ޒިންމާވާ މީހުންގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށް ހުސްވި ހަފުތާގައި ލަފާދިނުމާ ގުޅިގެންނެވެ.

މި ފިޔަވަޅު އަޅާފައި މި ވަނީ، ކުރީގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކަމުގައިވާ ބަލެންދްރަ ޝާހް ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވައިކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. ދެ ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ ހަމަނުޖެހުންތަކުގައި ޖުމުލަ 76 މީހުން މަރުވެފައިވާއިރު، އިސްތިޢުފާ ދެއްވަން އޮލީއަށް މަޖުބޫރުވެ ވަޑައިގެންނެވީ އެ ހަމަނުޖެހުންގަނޑާ ގުޅިގެންނެވެ. ނޭޕާލްގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، އޮލީއާއި ލެކާކް މިހާރު ތިއްބެވީ ކަޓްމަންޑޫ ފުލުހުންގެ މަރުކަޒުގެ ބަންދުގައި ކަމަށާއި، މާރިޗު 29 ވަނަ ދުވަހު އެ ދެ ބޭފުޅުން ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވާ ކަމުގައެވެ.

އުމުރުފުޅުން 74 އަހަރުގެ އޮލީއަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކިޑްނީ ޓްރާންސްޕްލާންޓް ހައްދަވާފައިވާ ބޭފުޅަކަށް ވުމުން، ފުލުހުންގެ އިދާރާއިން އޭނާ ވަނީ ހަސްފަތާލަކަށް ބަދަލުކޮށްފައެވެ. އޮލީގެ ޤާނޫނީ ވަކީލު ވިދާޅުވީ، އޭނާ ފިލައިގެން ދިއުމުގެ ނުވަތަ ތަޙުޤީޤަށް އެއްބާރުލުން ނުދެއްވުމުގެ އެއްވެސް ބިރެއް ނެތް ޙާލަތެއްގައި ހައްޔަރުކުރުމަކީ ޣައިރުޤާނޫނީ އަދި ނުރަނގަޅު އަމަލެއް ކަމުގައެވެ.

ތަޙުޤީޤީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ، މުޒާހަރާގެ ފުރަތަމަ ދުވަހު އެކަނިވެސް 19 ޒުވާނުން މަރުވި ބަޑީގެ ޙަމަލާތައް ހުއްޓުވުމަށް އޮލީގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވާ ކަމުގައެވެ. މި މަރުތަކާ ގުޅިގެން އޮލީގެ ސަރުކާރާ މެދު އުފެދުނު ނުރުހުންތެރިކަން ވެގެންދިޔައީ، މި މަހުގެ އިންތިޚާބުގައި ޝާހްގެ ރާސްތުރިޔާ ސްވަޓަންޓްރާ ޕާޓީން ހޯދި ބޮޑު ކާމިޔާބީގެ މައިގަނޑު އެއް ސަބަބަށެވެ.