ޚަބަރު

ދެކުނު އޭޝިޔާގެ ޤައުމުތަކުން ބާރުއަޅަނީ އީރާނާއި ގަލްފުގެ ހަމަޖެހުމަށް


މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ދެކުނު އޭޝިޔާގެ ޤައުމުތަކުން ބާރުއަޅަމުންދަނީ، ވަކި ފަރާތަކަށް ނުޖެހި ތިބެ، ކުރިމަތިލުންތަކަށް އަވަސް ނިމުމެއް ގެނެސް، އީރާނާއި ގަލްފު ޤައުމުތަކުގެ މެދުގައި ހަމަޖެހުން ޤާއިމުކުރުމަށްކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފިއެވެ.

ފެބްރުއަރީ 28ވަނަ ދުވަހު އީރާނާ ދެކޮޅަށް ޔަހޫދީންނާއި އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ދަނީ ބޮޑެތި އަސަރުތައް ކުރަމުންނެވެ. ހަނގުރާމައިގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރަނީ ދެކުނު އޭޝިޔާގައި ހިމެނޭ ކުރިއަރަމުން އަންނަ ޤައުމުތަކަށެވެ.

ހުރުމުޒު ކަނޑުއޮޅި ބަންދުވެ، ގަލްފުގައި ހުރި ތެލާއި ގޭސް މަރުކަޒުތަކަށް އީރާނުގެ ރައްދު ޙަމަލާތައް އަމާޒުވަމުންދާއިރު، މިއިން ޒަމާނަކު ނުއުފުލޭ ވަރަށް ދުނިޔޭގެ ބާޒާރުގައި ތެލާއި ހަކަތައިގެ އަގު ވަނީ އުފުލިފައެވެ.

މަސްރަޙު ފިނިކޮށް، ސުލްޙައިގެ މަޝްވަރާތައް އަލުން ފެށުމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާއެކު، ޕާކިސްތާނުގައި އެ މަޝްވަރާތައް ބާއްވަން، ބޮޑުވަޒީރު ޝަޙްބާޒް ޝަރީފް ވަނީ ހުށަހަޅުއްވައިފައެވެ. އީރާނު ނަގާފައި، ޝިއަޢީންގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ޕާކިސްތާނުގައި މި ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ނުތަނަވަސް އަދި އުނދަގޫ ޙާލަތު އިތުރަށް ބޮޑެވެ.

ދެކުނު އޭޝިޔާގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން، ތެލާއި ގޭހުގެ ސަޕްލައިއަށް ޕާކިސްތާނުން ވެސް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ މެދުއިރުމަތީގެ ޤައުމުތަކަށެވެ.

އެމެރިކާ އާއި ޔަހޫދީންގެ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ޔަހޫދީންގެ އިތުރުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާތައް ދެމުންދާއިރު، މި ހަނގުރާމައިގައި ވަކި ފަރާތަކަށް ޖެހިގެން ތިބުން ދެކުނު އޭޝިޔާގެ ޤައުމުތަކަށް ދަތިވެފައިވާކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.

އެހެންކަމުން، ދެކުނު އޭޝިޔާގެ ޤައުމުތަކުގެ މަސްލަޙަތު އެންމެ ބޮޑީ، އީރާނުގެ ވެސް ސަރުކާރު ނުވެއްޓި، ގަލްފުގެ ޤައުމުތަކުގެ އިޤްތިޞާދަށް ވެސް އިތުރު ލޮޅުމެއް ނޭރުން ކަމަށް އެ ފަރާތްތަކުން ވިދާޅުވެއެވެ.