ޚަބަރު

ބީޗް ގޭމްސްގެ ކުރިން ހޭންޑްބޯޅަ ޓީމު ތައިލެންޑުގައި ކޭމްޕުކުރަނީ


  • ތައިލޭންޑުގައި 10 ދުވަސް ހޭދަކުރާނެ

  • އޭޝިއަން ބީޗް ގޭމްސް އޮންނާނީ އޭޕްރީލު 22 ން 30 އަށް

  • މިއީ ރާއްޖެއިން މިކަހަލަ ގޭމްސްއެއްގައި ހޭންޑްބޯޅަ ބައިވެރިވާ ފުރަތަމަ ފަހަރު

ޗައިނާގެ ސަންޔާގައި ބާއްވާ އޭޝިއަން ބީޗް ގޭމްސްގެ ކުރިން ރާއްޖޭގެ ހޭންޑްބޯޅަ ޓީމު ތައިލޭންޑުގައި ކޭމްޕްކުރުމަށް 8 އޭފްރީލްގައި ފުރަން ހަމަޖެހިއްޖެއެވެ.

ހަވަނަ އޭޝިއަން ބީޗް ގޭމްސް މިއަހަރު ބާއްވަނީ އޭޕްރީލު 22 ން 30 އަށް، ޗައިނާގެ ސަންޔާގައި އޮންނަ ހައިނާން އައިލެންޑުގައެވެ.

ބީޗް ހޭންޑްބޯޅަ ޓީމުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސް އާއި މައުލޫމާތު ހިއްސާ ކުރައްވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ ތައިލޭންޑް ކޭމްފުގެ ކަންތައް މިހާރު ހަމަޖެހިފައިވާ ކަމަށާއި ތައިލޭންޑުގައި ޓީމު 10 ދުވަސް ހޭދަކުރާނެ ކަމަށެވެ.

"ތައިލޭންޑުގައި ކޭމްފު ކުރާނެ. ފުރަނީ 8 ވަނަ ދުވަހު. މާލެ އިން ކޮލަމްބޯއަށްގޮއްސަ ތައިލޭންޑަށްދާނީ. ތައިލޭންޑްގައި ކޭމްޕް ކުރުމަށްފަހު 19 ގައި ތައިލެންޑުން ސަންޔާއަށް ދާނީ" މުޖޭ ވިދާޅުވިއެވެ.

މި ކޭމްޕުގެ ތެރެއިން ތައިލޭންޑު ޓީމާއެކު މެޗެއް ކުޅޭނެ ކަމަށާއި، އެ ކޭމްޕްގެ ތެރެއިން ތައިލޭންޑްގަިއ އެދުވަސްވަރު ތިބޭ އެހެންގައުމުތަކުގެ ޓީމުތަކާއެކުވެސް މެޗުތަކެއް ކުޅުމަށް ރޭވިފައިވާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

"ކޭމްޕްގެ ތެރެއިން ބައެއް އެހެން ގައުމުތަކާއެކުވެސް ކުޅޭނެ. ޓްރޭނިންވެސް އެތަނުގައި ހަމަ ދާނެ. ވަރަށް ކުރިން އަޅުގަނޑުމެން މި އަންނަނީ ކުޅުދުއްފުށީގައި މި މުބާރާތަށް ތައްޔާރުވަމުން" މުޖުތަބާ ވިދާޅުވިއެވެ.

މިއީ ރާއްޖެއިން ބައިނަލްއަގްވާމީ ގޭމްސްއެއްގައި ހޭންޑްބޯޅައިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ހޭންޑްބޯޅަ އިވެންޓުގައި ރާއްޖެ ހިމެނެނީ، އެންމެ ފަހުން ބޭއްވި އޭޝިއަން ބީޗް ގޭމްސްގެ ޗެމްޕިއަންކަން ހޯދި ގަތަރާއެކު ގުރޫޕު ބީގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ، އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލޭންޑް އަދި މޮންގޯލިއާ އެވެ. ގުރޫޕް އޭގައި ހިމެނެނީ ހޯސްޓު ޗައިނާ، އިރާން، އިންޑިއާ، ބަހްރެއިން، ހޮންގްކޮންގ، ވިއެޓްނާމް އަދި ފިލިޕީންސްއެވެ.

ރާއްޖެ އެންމެ ފުރަތަމަ ނިކުންނާނީ 22 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ހަމަ އެދުވަހު ހަވީރު 5 އުރުދުންއާއި ދެކޮޅަށް ކުޅޭނެއެވެ. 23 ވަނަ ދުވަހު ނިކުންނާނީ މޮންގޯލިއާއި ދެކޮޅަށެވެ. 24 ވަނަ ދުވަހު ނިކުންނާނީ އޮމާންއާއި ދެކޮޅަށެވެ. އަދި ހަމަ އެދުވަހުގެ ރޭގަނޑު ތައިލޭންޑާއި ދެކޮޅަށް ކުޅެން ޖެހޭނެއެވެ. އަރާމުކުރުމަށް ޓީމުތަކަށް 25 ވަނަ ދުވަސް ލިބޭއިރު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 26 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ޤަތަރާއި ދެކޮޅަށެވެ.