ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް 3 ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ.
މަސައްކަތް ޙަވާލުކުރި 3 ކުންފުންޏަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.
މިމަސައްކަތުގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޙަވާލުކޮށްފައިވަނީ، ގދ. ހޯޑެއްދޫ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ ޢިމާރާތުގެ މަސައްކަތް ކުރުމަށެވެ. މިމަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކޮށްފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކޮށްފައިވަނީ، ޗީފް ފައިނޭންޝަލް އޮފިސަރ، ރިފާޢީ ބުޝްރީއެވެ.
ގދ. ހޯޑެއްދޫ ޞިއްޙީ މަރުކަޒަށް އަލަށް އިތުރު ކުރާ ޢިމާރާތުގެ މަސައްކަތުގެ ދަށުން ނާސް ސްޓޭޝަނާއި، 04 އެނދުގެ ވާޑަކާއި، ޕްރައިވެޓް ރޫމާއި، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ ހިމެނެއެވެ. މީގެއިތުރުން ޕަބްލިކް ހެލްތު ޔުނިޓާއި، މީޓީންގ ހޯލާއި، ސްޓޯ ރޫމްގެ އިތުރުން ލޯންޑްރީއެއްވެސް އިތުރު ކުރެވިގެންދާނެ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. 8.1 މިލިއަން ރުފިޔާގެ މި މަޝްރޫޢު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ، 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ފެނަކަ ކޯޕަރޭޝަނަށް ވަނީ، 2 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އަލަށް އިތުރު ކުރާ ޢިމާރާތްތަކުގެ މަސައްކަތް ޙަވާލުކޮށްފައެވެ. މި ދެ އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު މުޙައްމަދު މާހިރުއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފެވެ.
މިމަސައްކަތުގެ ތެރެއިން ރ. މާކުރަތުގެ ޞިއްޙީ މަރުކަޒަށް ނާސް ސްޓޭޝަނަކާއި، 04 އެނދުގެ ވާޑަކާއި، ޕްރައިވެޓް ރޫމަކާއި، ޕްރޮސީޖަރ ރޫމުގެ އިތުރުން ލެބޯޓްރީއެއް އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. 5.1 މިލިޔަން ރުފިޔާގެ މި މަސައްކަތް އެ ކުންފުންޏާއި ޙަވާލުކޮށްފައިވަނީ، 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރ. ވާދޫ ޞިއްޙީ މަރުކަޒަށް ނާސް ސްޓޭޝަނަކާއި، 04 އެނދުގެ ވާޑަކާއި، ޕްރައިވެޓް ރޫމަކާއި، ޕްރޮސީޖަރ ރޫމަކާއި، ލެބޯޓްރީއާއި ގަރާޖެއްގެ އިތުރުން ސްޓޯ ރޫމްސްއާއި، ލޯންޑްރީއެއް ހެދުމަށް ވަނީ ނިންމާފައެވެ. މިމަސައްކަތް ފެނަކައާއި ޙަވާލުކޮށްފައިވަނީ، 5.7 މިލިޔަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއިވެސް 2 ރަށެއްގެ މަސައްކަތް ވަނީ ޙަވާލުކޮށްފައިއެވެ. އެކުންފުންޏަށް ޙަވާލުކޮށްފައިވަނީ، ތ. ކަނޑޫދޫއާއި ކ. ހިންމަފުށީ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ ޢިމާރާތުގެ މަސައްކަތެވެ. މި ދެރަށުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތް ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ޝަރީފް ޢަބްދުއްރަހްމާން ޔޫސުފެވެ.
ތ. ކަނޑޫދޫއިން ޙަވާލުކޮށްފައިވަނީ، އައު ޞިއްޙީ މަރުކަޒު ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށެވެ. 21.8 މިލިޔަން ރުފިޔާގެ މަސައްކަތް ޙަވާލުކޮށްފައިވަނީ، 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކ. ހިންމަފުށީ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ ޢިމާރާތުގައި ނާސް ސްޓޭޝަނަކާއި، 04 އެނދުގެ 02 ވާޑާއި، 02 ޕްރައިވެޓް ރޫމާއި، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ، ގަރާޖު، ޖެނެރަލް އަދި މެޑިކަލް ސްޓޯ ރޫމުގެ އިތުރުން އެކްސްރޭ ރޫމެއްވެސް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގައި ލޯންޑްރީވެސް ހިމެނެއެވެ. 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11.2 މިލިޔަން ރުފިޔާއަށެވެ.