ޚަބަރު

އެމެރިކާއިން އިތުރު ސިފައިން ފޮނުވައި ހަނގުރާމަ ފުޅާކުރަން ތައްޔާރުވަނީ


ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ބައިވެރިކުރުމަށް އިތުރު އެތަކެއް ހާސް ސިފައިން މެދުއިރުމައްޗަށް ފޮނުވުމަށް އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ނިންމައިފިއެވެ. މި މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުނީ، މެދުއިރުމައްޗަށް އެމެރިކާގެ އަސްކަރިއްޔާގެ އެއަރބޯން ޑިވިޜަންގެ 3,000 އާއި 4,000 އާ ދެމެދުގެ އަދަދަކަށް އިތުރު ސިފައިން ފޮނުވުމަށް ޕެންޓެގަނުން ނިންމާފައިވާ ކަމުގައެވެ.

އީރާނާއެކު "ކާމިޔާބު" މަޝްވަރާތަކެއް ކުރެވެމުންދާ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވުމަށް މާރިޗު 18 އިން ފެށިގެން ޓްރަމްޕް ނިންމަވާފައިވާ ކަމުގައި މަޞްދަރުތަކުން ހާމަކުރިއެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، ޓްރަމްޕްގެ އަމުރު ލިބޭތާ 18 ގަޑިއިރުގެ ތެރޭގައި އިތުރު ސިފައިންގެ ލަޝްކަރު މެދުއިރުމައްޗަށް ފޮނުވޭނެ ކަމުގައެވެ. އެއީ، އީރާނަށް އެއްގަމު މަގުން އަރައި، ހަނގުރާމަ ފުޅާކުރުމަށް ބޭނުން ކުރެވިދާނެ ފަދަ ލަޝްކަރެއް ކަމުގައި ވެސް އެ ފަރާތްތަކުން ދެކެއެވެ.

ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީ ފައުޖުތަކުން ފެށި ހަނގުރާމައިގައި މިހާތަނަށް އީރާނުގެ 9,000 އަމާޒަކަށް ޙަމަލާދީފައިވެއެވެ. އެ ސަރަޙައްދުގައި މިހާރުވެސް އެމެރިކާ ސިފައިންގެ 50,000 މީހުން ހިމެނޭ ލަޝްކަރެއް އެބައޮތެވެ. މާރިޗު 20 ވަނަ ދުވަހު ވެސް އެމެރިކާއިން ވަނީ އަސްކަރީ މަނަވަރު ޔޫއެސްއެސް ބޮކްސަރއާ އެކު އިތުރު ސިފައިން ފޮނުވާފައެވެ. އެ ސަަރަޙައްދަށް އިތުރު ސިފައިން ފޮނުވުމަށް ޓްރަމްޕް ނިންމަވާފައި ވަނީ، ހުރްމުޒް ކަނޑުއޮޅި ހިސާރު ކުރުމަށާއި، އީރާނުން އުފައްދާ ތެލުގެ %90 ބޭރުކުރާ ބަނދަރު ކަމުގައިވާ ޚާރިގު ހިފުމަށް ކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

ޓްރަމްޕް ފަށްޓަވާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި އެމެރިކާ ސިފައިން ވަނީ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައެވެ. އީރާނުން ދީފައިވާ ރައްދު ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ 13 މީހުން މަރައިލައި، އިތުރު 290 ސިފައިން ވަނީ ޒަޚަމުކޮށްލާފައެވެ. އޭގެ ތެރެއިން 10 މީހެއްގެ ހާލު ސީރިޔަސްއެވެ. އެމެރިކާގެ ދާޚިލީ މަސްރަޙަށް ބަލައިލާއިރު، ޓްރަމްޕްގެ ހަނގުރާމައަށް ތާއީދުކުރާ ރައްޔިތުންގެ އަދަދު %37 އިން %35 އަށް ދަށްވެފައިވާއިރު، %61 މީހުން މި ހަނގުރާމައާ ދެކޮޅެވެ. މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނީ، ސުލްޙައިގެ ނަމުގައި ޓްރަމްޕް ފަށްޓަވާފައިވާ މި ހަނގުރާމައަކީ މުޅި ސަރަޙައްދު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓައިލަން ހިންގަވާ އަސްކަރީ ކުޅިގަނޑެއް ކަމުގައެވެ.