ޚަބަރު

ޖަރުމަނުވިލާތާއި އެމެރިކާގެ ގުޅުން އިޢާދަނުކުރެވޭ މިންވަރަކަށް ގޯސްވަނީ


ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ ހަނގުރާމައަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، "ސިޔާސީ ގޮތުން ހެދުނު ބޮޑު ގޯހެއް" ކަމުގައި ވިދާޅުވެ، ޖަރުމަނުވިލާތުގެ ރައީސް ފްރެންކް-ވާލްޓަރ ޝްޓައިންމަޔަރ އެމެރިކާގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގެ ޚާރިޖީ ވުޒާރާގައި ތަޤުރީރު ކުރައްވަމުން ޝްޓައިންމަޔަރ ވިދާޅުވީ، އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އީރާނުން ދިފާޢުގައި ރައްދުދެމުންދާއިރު، ޙަޤީޤަތުގައި ހަނގުރާމައިގެ މަސްއޫލިއްޔަތާއި ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން ކަމުގައެވެ. "އެއީ ބައިނަލްއަޤުވާމީ ޤާނޫނަކާ ޚިލާފުވުން ކަމަށް ކަމަށް ބުނަން ނުކެރި ތިބުމަކީ، އަޅުގަނޑުމެންގެ [ޖަރުމަނުވިލާތުގެ] ޚާރިޖީ ސިޔާސަތު ބާރުވެރިވާނެ ކަމެއް ނޫން،" ޖަރުމަނުވިލާތުގެ ސަރުކާރަށް ވެސް ނުރުހުން އަމާޒުކުރައްވަމުން ޝްޓައިންމަޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާ ވަނީ އެމެރިކާއަށް އަމާޒުކޮށް އީރާނުން ޙަމަލާދޭން އުޅޭ ކަމަށް ބުނެ ދައްކާ ބަހަނާތަކަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް ވެސް އަމާޒު ކުރައްވާފައެވެ. "އެމެރިކާގެ އަމާޒުތަކަށް ޙަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ދައްކާ ބަހަނާއަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން،" ކަމުގައި ވިދާޅުވެ، މި ހަނގުރާމައަކީ ބޭނުމެއް ނެތް "ނުރައްކާތެރި ގޯހެއް" ކަމުގައި ޝްޓައިންމަޔަރ ސިފަކުރެއްވިއެވެ.

އޭނާ ޤަބޫލުކުރައްވާ ގޮތުގައި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ އަޅައިބަލާއިރު ޓްރަމްޕްގެ ދެވަނަ ދައުރުގައި އެމެރިކާއާއެކު އޮތް ގުޅުމަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. "2022 ފެބުރުވަރީ 24 ގެ ކުރިން ރަޝިޔާއާއެކު އޮތް ގުޅުމަށް އެނބުރި ނުދެވޭނެ ފަދައިން، 2025 ޖަނަވަރީ 20 ގެ ކުރިން އެމެރިކާއާއެކު އޮތް ގުޅުމަށް ވެސް ދެން އެނބުރި ދެވޭނެ ކަމަކަށް ޤަބޫލެއް ނުކުރަން،" އެމެރިކާގެ ރައީސްކަމުގެ މަޤާމުގެ ޙުވައި ޓްރަމްޕް ކުރެއްވި ތާރީޚަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.

މި ޙާލަތާ ގުޅިގެން، ޖަރުމަނުވިލާތުން މިހާރު ދަނީ އެމެރިކާއަށް އޮތް ބަރޯސާ ކުޑަކޮށް، ޗައިނާއާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރަމުންނެވެ.