ވިހި އަހަރުން ދަށު ސާފް ޗެމްޕިއަންޝިޕް 2026 ގައި ގަޅޮޅު ދަނޑަށް އަލުން ދިރުން ގެނެސްދިން ރަން ޖީލުގެ ފުޓުބޯޅަ ޓީމަށް މިވަގުތު ތަރުހީބުދިނުމުގައި ސަޕޯޓަރުން ދެމި ތިބުމަށް ޒުވާން ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، އިސްޓަވާން އުރުބާނީ އެދިއްޖެއެވެ.
މާޗް 23 ން އޭޕްރީލް 03 ގެ ނިޔަލަށް ގަލޮޅު ދަނޑުގައި ކުރިޔަށްދާ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު އުރުބާނީ ބުނީ މި އުމުރުފުރާގެ މި ޓީމަކީ ރާއްޖޭގެ މުސްތަގުބަލަށް ތައްޔާރުކުރާ ހުނަރުވެރު ޓީމަކަށް ވާނެ ކަމަށެވެ. އަދި ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން 3-2 ގެ ނަތީޖާއަކުން ރާއްޖެ ބަލިވި ކަމުގައި ވިޔަސް ޓީމަށް ސަޕޯޓުކޮށް ހިތްވަރު ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށާއި، "ކުއްލިއަކަށް ބޮޑު ކަމަކަށް އުންމީދުކޮށްގެން ނުވާނެ" ކަމަށް ކޯޗު ބުންޏެވެ.
"އެންމެ މުހިންމު ކަމަކަށް އަހަރެން ސަޕޯޓަރުންނަށް ދޭނެ މެސެޖަކީ، މި ހަގު ކުޅުންތެރިންނަށް ތަރުހީބުދޭންވާނެ. އެއީ މިވަގުތު ބޮޑުކަމެއް (މޮޅެއް) މި ކުޅުންތެރިންގެ ފަރާތުން އުންމީދުކުރުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން. މިއީ ޕްރޮސެސްއެއް. މިކަމަށް ވަގުތު ނަގާނެ" އުރުބާނީ ބުންޏެވެ.
ފުރަތަމަ މެޗުގެ ނާކާމިޔާބުވިޔަސް މި ހިތްވަރު ގަދަ ޓީމަކީ އަދި ނަތީޖާ ނެރޭނެ ޓީމެއް ކަމަށް ފާހަގަކުރަމުން އުރުބާނީ ބުނީ ޓީމަށް ބަދަލުތައް ގެނެސް ރަނގަޅު މިސްރާބަކަށް މި ޓީމު ގެންގޮސްދޭނެ ކަމަށް ގައުމީ ކޯޗު ބުންޏެވެ. ފުރަތަމަ މެޗުގައި ލަންކާއިން ފަހަތުން އަރާ 2-2 ން ހަމަކޮށް ލީޑު އަތުލާ 3 ގޯލު ޖެހުމުން ރާއްޖޭގެ ޓީމުން ހިތްވަރު އެލިފައިތިބި ކުޅުންތެރިން، މެޗުގެ ފަހު ފަސް މިނިޓުގެ ތެރޭގައި އަލުން ހިތްވަރުނެރުނު ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
"ކިހިނެތްވީ ފަހު ފަސްމިނިޓްގެ ތެރޭގަ؟ އެ ކުޅުންތެރިން ޒޯނަށް ދިޔަ. އެވަގުތު ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަމެއް، ހާއްސަކަމެއް އިތުރަކަށް ނުފެނޭ. މޮޅުވުމުގެ ރޫހު ފެނުނީ. އެއީ އަހަރުމެން ހާސިލް ކުރަންވީ ކަމަކީ" އުރުބާނީ ބުންޏެވެ.
ލަންކާއިން ރާއްޖެ ޕްރެޝަރަށް ވައްޓާލައިގެން ކުޅެން ދިމާކުރީ ވަރަށް ޑައިރެކްޓް ގޭމެއް ކަމަށާއި، އެއީ އުނދަގޫ މެޗެއްކަމަށް ފާހަގަކޮށް އުރުބާނީ ބުނީ މިއީ މޮޅުވުން މަޖުބޫރު މުބާރާތެއް ނޫން ކަމަށާއި، މި މުބާރާތުގެ ބޭނުން ހިފާނީ ބައިނަލްއަގްވާމީ މެޗު ތަޖުރިބާ ގިނަ ކުރުމަށް ކަމަށެވެ. ކުޅުންތެރިންނަށް މަދުވަނީ މެޗު ތަޖުރިބާ ކަމަށް ތަކުރާރުކޮށް ޤައުމީ ކޯޗު އަންނަނީ ފާހަގަ ކުރަމުންނެވެ. ސަބަބަކީ ރާއްޖޭގައި ޤައުމީ ފެންވަރުގައިވެސް އަދި ކުލަބު ފެންވަރުގައިވެސް ފުޓުބޯޅަ ނުކުޅެ ގިނަދުވަސްތަކެއް ވަންދެން ފުޓުބޯޅަ ހުއްޓިފައި އޮތުމާއި، ބައިނަލްއަޤުވާމީ މުބާރާތްތަކާއި އެކުވެރިކަމުގެ މެޗުތަކުންވެސް މި އުމުރުފުރައަށް ލިބުނު ފުރުސަތުތައް މިދިޔަ ދެތިން އަހަރުގެ ތެރޭގައި މަދުވުމެވެ.
އޭނާގެ އަމާޒަކީ ބައިނަލްއަޤުވާމީ ގިނަ މެޗުތަކެއްގެ ތަޖުރިބާ މި ކުޅުންތެރިންނަށް ހޯދައިދީ، ޕްރެޝަރާއި ކުރިމަތިވާ މެޗުތަކުގައި، ގޭމް މެނޭޖުކުރަން ކުޅުންތެރިންނަށް ދަސްކޮށްދީގެން ކުރިޔަށް ދިއުން ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
ފުރަތަމަ މެޗުގައި ކުޅުނީ ވަރަށް "ފެނިކް" ވެފައި ތިބެގެން ހާސްކަމާއި ޕްރެޝަރުގެ ތެރޭގައި ކަމަށް ކޯޗު ފާހަގަކުރިއެވެ. އަދި އާދައިގެ ގޯސްތަކެއްގެ ސަބަބުން އިދިކޮޅު ޓީމަށް ލަނޑުތައް ކާމިޔާބުކުރެވުނަސް ދެން ޓީމުން ވިސްނާނީ އެކި ސްޓައިލްތަކުގެ ކުޅުން ތަޖުރިބާކޮށް މި މުބާރާތުން ވީހާވެސް ގިނަ ފިލާވަޅުތައް ދަސްކުރުމަށް ކަމަށްވެސް އުރުބާނީ ބުންޏެވެ.
20 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ދަނޑުމަތީގައި ބިރު ކަނޑުވާލާ ހާސްކަން ކަނޑުވާލާ ހަމަޖެހިލައިގެން ކުޅެ، ޓީމު ކޮންބިނޭޝަން ރަނގަޅުކޮށް މިޑްފީލްޑާއި އެޓޭކިންގެ މިހާރުގެ ވައްޓަފާޅި ބަދަލުކުރުމަކީވެސް ޤައުމީ ކޯޗުގެ ޕްލޭންގައި ހިމެނޭ ކަންކަމެވެ.
ޤަައުމީ ޓީމުގެ ކޯޗު އުރުބާނީ ބުނީ މި ޒުވާން ޓީމުގައި "ކެޕޭސިޓީއާއި ކޮލިޓީ" ނުވަތަ ޤާބިލުކަމާއި ފެންވަރު އެބަހުރިކަމަށެވެ. އެހެންކަމުން މިއީ ޓީމު ދޫކޮށްލަންވީ ވަގުތު ނޫން ކަމަށާއި، ޓީމަށް އިތުރު ވަގުތުދީގެން 'މި ރަން ޖީލުގެ ޓީމު' ކުރިއަރުވަން ހުރިހާ ސަޕޯޓަރުންވެސް ޓީމާއެކު ދެމިތިބުމަކީ އޭނާގެ އެންމެ ބޮޑު އެދުން ކަމަށެވެ.