ޚަބަރު

ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަނީ


އެމެރިކާ އާ ގުޅިގެން އީރާނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ ނިރުބަވެރި ހަނގުރާމައިގެ ތެރޭގައި ވެސް، ފަލަސްޠީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޖަރީމާތަކާއި އަނިޔާވެރި، ލާއިންސާނީ ޢަމަލުތަކަށް ކުޑަވެސް މަޑުޖެހުމެއް ނާދެއެވެ.

ހުޅަނގު އައްސޭރިއަކީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއްގެ ތެރޭގައި ހިމަނަން ފަލަސްޠީނުން ބޭނުންވާ ސަރަޙައްދެކެވެ. އެތަނުގައި މަދު ސަރަޙައްދެއް ފިޔަވައި، ގިނަ ސަރަޙައްދުތައް އިސްތިޢުމާރުކޮށް، ޔަހޫދީންގެ ނިރުބަވެރު ފައުޖުން ވަނީ އަތްދަށުކޮށްފައެވެ.

ފާއިތުވި ދުވަސްތަކުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި މުދަލުގައި ރޯކޮށް، ގެއްލުން ދިނުމުގެ ޢަމަލުތައް ޔަހޫދީން ވަނީ ފުޅާކޮށްފައެވެ. މި އަނިޔާވެރިކަމުގެ ބޭނުމަކީ، ފަލަސްޠީނުގެ ރައްޔިތުންގެ އެ މީހުން ގެދޮރު ދޫކުރަން މަޖުބޫރުކޮށް، އެ ސަރަޙައްދުގައި ޔަހޫދީންގެ ވަޒަންވެރިން އިތުރުކުރުމެވެ.

މި ހަމަނުޖެހުންތައް އިތުރުވެފައިވީނަމަވެސް، އެކަމުގެ ތުހުމަތުތަކުގައި ޔަހޫދީންގެ ފައުޖުން ފަލަސްޠީނުގެ ރައްޔިތުން ހައްޔަރުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.

އީރާނާއެކު ޙަމަލާ ބަދަލުކުރަމުންދާތީ ކަމަށް ބުނެ ފަލަސްޠީނުގެ ޣައްޒާއަށް އެހީ ވައްދާ ހުރިހާ މަގުތަކެއް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ބަންދުކޮށްފައެވެ. އެއާ އެކު ކާބޯތަކެއްޗާއި ބޭސް ލިބޭނެ މަގުތައް ބަންދުވެ، ޣައްޒާގެ ރައްޔިތުންގެ ތަކުލީފުތައް ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ.

ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދޭނެ މަގުތައް ބަންދުވެފައިވާއިރު އެ ސަހަރުގައި އަނެއްކާ ވެސް ބަނޑުހައިހޫނުކަން ފެތުރުމުގެ ބިރު ވަނީ އުފެދިފައެވެ.

އަދި ޣައްޒާގެ ހޮސްޕިޓަލުތަކުން ބޭސް ހުސްވުމުގެ ބިރު މިހާރު ވަރަށް ބޮޑުކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ވަނީ ދީފައެވެ.

ދެ އަހަރު ދުވަހު ހަނގުރާމަ ކުރުމަށް ފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކުރި ނަމަވެސް ޔަހޫދީން ދަނީ ތަކުރާރުކޮށް ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ.

އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް މިހާތަނަށް ޣައްޒާގެ 680 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.