ރާއްޖޭގައި ކުރިޔަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަކީ ދިވެހި ޓީމަށް ތަޖުރިބާއެއް ކަމަށާއި، ކޮންމެހެން ކާމިޔާބުކުރުން މަޖުބޫރު މުބާރާތެއް ނޫން ކަމަށް ގައުމީ ޓީމުގެ ކޯޗު އަދި ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ ޓެކްނިކަލް ޑައިރެކްޓަރ އިސްޓަވާން އުރުބާނީ ބުނެފިއެވެ.
އުރުބާނީ މިހެން ބުނީ ސްރީލަންކާއާ ދެކޮޅަށް ރާއްޖޭގެ ޓީމު ކުޅުން މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
"ކުޅުންތެރިންނަށް އެ ޕްރެޝަރ ދިނުން ރަނގަޅެއް ނޫން. ކުޅުންތެރިންނާއި ގޯލް ކީޕަރު ކައިރިވެސް އަހަރެން ބުނަމުން މި އަންނަނީ ދިރިއުޅުމަކީ ފިލާވަޅެކޭ. ގޯސްތައް ހެދުނީމަ ފަސޭހަވާނެއޭ ދަސްކުރަން. ދެން ސުވާލަކީ މި ހެދޭ ގޮސްތަކުން ކިހާ އަވަހަކަށްހޭ އަހަރުމެންނަށް ދަސްވާނީ. އެކަންވާނީ ކުރިއަށް އޮތް ދެމެޗުގައި ޗެލެންޖަކަށް" އުރުބާނީ ބުންޏެވެ.
މާޗް 23- 03 އޭޕްރީލްގެ ނިޔަލަސް ގަލޮޅު ދަނޑުގައި ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރުބާނީ ބުނީ ސްރީލަންކާ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވި މެޗުގައި ދިވެހި ކުޅުންތެރިންނަށް ގިނަ ގޯސްތަކެއް ހެދުނު ކަމަށެވެ.
އަދި ދެވަނަ ހާފްގެ ފުރަތަމަ މިނިޓްގައި ލަންކާއިން ގޯލެއް ކާމިޔާބުކުރުމާއެކު ރާއްޖެ ކުޅުންތެރިން ޕްރެޝަރަށް ވައްޓާލި ކަމަށާއި، އެހެންކަމުން ކުޅުމުގެ ތެރެއަށް އަލުން ނުވަދެވުނު ކަމަށްވެސް އުރުބާނީ ބުންޏެވެ. އަދި ލަންކާއިން 2-2 ން ނަތީޖާ ހަމަހަމަކޮށް ކުޅުނީ ވަރަށް ބޮޑަސް ފަހަތަށް ޖެހިގެން ނުވަތަ ޕްރެސްކޮށްގެން ކަމަށާއި، ވަރަށް ހަލުވި ކުޅުމެއް ކަމަށް ފާހަގަކޮށް އުރުބާނީ ބުނީ ރާއްޖޭގެ ބައެއް ކުޅުންތެރިން ތިބީ ކުޑަކޮށް ބިރުގެންފައި ކަމަށެވެ.
"އިދިކޮޅުން ކުޅުނީ ވަރަށް ޑައިރެކްޓް ގޭމެއް. ވަރަށް ޕްރެސްކޮށްގެން. އަހަރުމެންގެ ބައެއް ކުޅުންތެރިން ކުޑަކޮށް ބިރުންވެސް ތިބި. ސްރީލަންކާއިން މި ގޭމާއި ކުރިމަތިލީ މިހެން ހަދަންވެގެން. އަހަރުމެން ކުޅުނީ ފެނިކްގައި، މިއީ އަހަރުމެން ކުޅެން ޖެހޭނެ ސްޓައިލެއް ނޫން." އުރުބާނީ ބުންޏެވެ.
އުރުބާނީ ބުނީ މި އުމުރުފުރާގެ ދިވެހި ޓީމަކީ މުސްތަގުބަލަށް ބަލާއިރު ހުނަރުވެރި ޓީމެއް ކަމަށެވެ. އަދި މި ކުޅުންތެރިން ބައިނަލްއަގްވާމީ މެޗު ތަޖުރިބާ ގިނައިން ހޯދާ، ޕްރެޝަރާއި ކުރިމަތިލާ، ގޭމް މެނޭޖުމެންޓް ދަސްކުރަން ޖެހޭކަމަށެވެ.
ގައުމީ ކޯޗުގެ ޕްލޭނަކީ ދެވަނަ މެޗުގައި ފޯމޭޝަނަށް ބަދަލުތަކެއް ގެނެސް ބައެއް އައު ކުޅުންތެރިންވެސް ފުރަތަމަ 11 ގައި ހިމެނުމެވެ. އުރުބާނީ ބުނީ އެކަށީގެން ވަރަށް ނުކުޅެ މި ކުޅުންތެރިންނަށް "ކޮންފިޑެންސް" ނުވަތަ އަމިއްލަ އިތުބާރު ނުހޯދޭނެ ކަމަށެވެ.