ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ފޯރިގަދަ، ޢީދު ބައިބަލާ ޗެލެންޖު 1447ގެ ފުރަތަމަ ރޭގެ މެޗުތައް ދަ ވަން، ދަ ބީޖީސް، ލޮރެންޒޯ، ކާސިންޖީ، ކާސިންޖާސް، ދަ ވޮލްވްސް އަދި ޒެފްރޯލް ކާމިޔާބު ކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހަދާފައިވާ އެންމެ ޒަމާނީ ފެންވަރުގެ ހައިބަތު ބޮޑު، ބައިބަލާ މައިދާނުގައި ކުރިޔަށް ގެންދާ މި މުބާރާތުގައި ރޭ 20:30 ން ފެށިގެން މެޗުތަށް ކުޅެފައިވާއިރު އެސަރަހައްދު ވަނީ ސަޕޯޓަރުންގެ އަޑުން ގުގުމާލާފައެވެ. އެހެން އަހަރުތަކަށްވުރެ ފުރިހަމައަށް ތައްޔާރުކޮށްފައިވާ ބައިބަލާ މައިދާނުގައި މި އަހަރު ވަނީ ކުޅިބަލާ މީހުންނަށްވެސް ފަސޭހަ އިންތިޒާމުތަކެއްވެސް ހަމަޖައްސާފައެވެ.
ކުޅިބަލާ މީހުންގެ ބޮޑު ތަރުހީބެއް ލިބިގެންދާ މި މުބާރާތުގެ ފުތަރަމަ ރޭގެ، ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުޑަހެންވޭރު ޔުނައިޓެޑާއި ދަ ވަން ސްޕޯޓްސް ކުލަބެވެ. އެ މެޗު ގަދަ ހިފުމަށް ގޮސްގެން ކާމިޔާބުކުރީ ދަ ވަން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދަ ވަންގެ ހުސެއިން އަރުޖުންއެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ކުޑަ ހެންވޭރު ލަޔަންސްއާއި ދަ ބީޖީސް އެވެ. އެ މެޗު ކާމިޔާބު ކުރީ 2-0 ން ދަ ބީޖީސް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބީޖީސްގެ މުހައްމަދު ރިފްއަތެވެ.
ތިންވަނަ މެޗުގައި ބައްދަލުކުރީ ލޮރެންޒޯ ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބެވެ. އެ މެޗު ލޮރެންޒޯ އިން ކާމިޔާބުކުރީ 2-0 ންނެވެ. ޓީސީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ލޮރެންޒޯގެ އިބްރާހިމް ޝިމާއުއެވެ.
ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ބުރު ސްޕޯޓް ކުލަބާއި ކުލަބު ކާސިންޖީއެވެ. މި މެޗު 2-0 ން ކާމިޔާބުކުރީ ކުލަބު ކާސިންޖީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކާސިންޖީގެ މުޙައްމަދު ސަޖަންއެވެ.
ފަސް ވަނަ މެޗުގައި ބައްދަލުކުރީ ކާސިންޖާސް އާއި ޓީސީ ފްރެޓާނިޓީއެވެ. ޓީސީ ފްރެޓާނިޓީގެ މައްޗަށް 2-0 ން ކުރި ހޯދައިގެން މެޗު ކާމިޔާބުކުރީ ކާސިންޖާސްއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ކާސިންޖާސްގެ އަބުދުﷲ މުޙައްމަދެވެ.
ފުރަތަމަ ރޭގެ ހަވަނަ މެޗުގައި ވާދަކުރީ މިފަހަރުގެ މުބާރާތައް ނަންމަޝްހޫރު ގިނަ ކުޅުންތެރިން ނާއެކު ނިކުތް ދަ ވުލްވްސް ކުލަބާއި ޖަނަވަރީއަންސްއެވެ. މިމެޗު ފަސޭހެ ކަމާއެކު ސީދާ 2 ގޭމުން ގެންދިޔައީ ވުލްވްސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މާގާމު ހޯދީ ދަ ވޮލްވްސްގެ މުހައްމަދު ރިލްވާނެވެ. ހަތްވަނަ މެޗުގައި ބައްދަލުކުރީ ކުލަބު ޓީނޭޖާއި ކުލަބު ޒެފްރޯލެވެ. އެ މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުން ކުލަބު ޒެފްރޯލެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރީހާން މުހައްމަދެވެ.
މުބާރާތުގެ ދެވަނަ ރޭވެސް 20:30 ން ފެށިގެން މެޗުތަށް ކުރިޔަށް ދާނެއެވެ. ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮތް މި ކުޅިވަރު މުބާރާތް މިއަހަރު ކުރިޔަށް ދަނީ ބޮޑު ފެސްޓިވަލެއް ގޮތަށް އެހެން އަހަރުތަކާއި ހިލާފަށް ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. 10 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިއަހަރުގެ މުބާރާތުގައި ޖުމުލަ 38 ޓީމު ވާދަކުރެއެވެ.