20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ސްރީލަންކާގެ ފުޓުބޯޅަ ޓީމުން މިފަހަރު ތަފާތު ދައްކާނެ ކަމަށް ލަންކާ ޓީމުގެ އެސިސްޓެންޓް ކޯޗު އިމްރާން މުޙައްމަދު ބުނެފިއެވެ.
ޓީމާއެކު މާލެ އައުމަށްފަހު ބާސެލޯ ނަސަންދުރައިގައި ހުރެގެން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އިމްރާން ބުނީ ޓީމު ތައްޔާރުވުމަށް މަހެއްހާ ދުވަސް ލިބުނު ކަމަށެވެ. އެހެންނަމަވެސް ޓީމުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދަން ޖެހުނީ ރޯދަމަހު ކަމަށްވާތީ އުނދަގޫތަކާއި ކުރިމަތިވިކަމަށްވެސް އެސިސްޓެންޓް ކޯޗު ފާހަގަކުރިއެވެ. އެހެންނަމަވެސް އުންމީދަކީ ކުރިޔަށްވުރެ ރަނގަޅު ކުޅުމެއް ދެއްކުން ކަމަށްވެސް އެސިސްޓެންޓް ކޯޗު އިމްރާން ބުންޏެވެ.
"ރޯދަމަހާއި ފަރިތަކުރުންތަކާއި ދިމާވެފައި ގިނަ ކުޅުންތެރިން ތިބީވެސް ރޯދައަށް. ތައްޔާރުވާން 3 ހަފްތާ ލިބުނު އެހެންވީމަ، މިފަހަރު އަހަރުމެން މި ބަލަނީ ކުރީ ފަހަރަށްވުރެ ތަފާތު ދެއްކޭނެ ކަމަށް" އިމްރާން ބުންޏެވެ.
2024 ވަނަ އަހަރު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި އެންމެ ފަހު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ލަންކާއަސް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެންކަމުން މިފަހަރު މުބާރާތަށް ޓީމު ތައްޔާރުވެފައިވަނީ އެކަން ތަކުރާރު ނުކުރުމަށް ކަމަށް ޓީމުން ބުނެއެވެ.
އެކި ގައުމުތަކުގައި އުޅޭ ލަންކާ ކުޅުންތެރިންނާއި ލަންކާގެ އެކި ސަރަހައްދުތަކުން ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ހިމަނައިގެން އެކުލަވާލި ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ ގަތަރުގެ އަހުމަދު އަލް މަންނާއީއެވެ.
ލަންކާގެ ފުޓްސަލް ޓީމާއެކުވެސް މަސައްކަތްކޮށްފައިވާ މަންނާއީގެ އިރުޝާދުގެ ދަށުން 20 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމު ދިވެހިރާއްޖެއާއެވެ.
މި މުބާރާތުގައި ލަންކާ ޓީމް ހިމެނެނީ ދިވެހިރާއްޖެ އާއި ބޫޓާނާއި އެއްގޫރޫޕެއްގައި، ގުރޫޕް އޭގައެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ ރާއްޖެއާއި ދެކޮޅަށް ލަންކާ ކުޅޭ މެޗު އޮންނާނީ 20:30 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.