ކޯޗު ޕެޕް ގާޑިއޯލާ މި ސީޒަނަށް ފަހު މެންޗެސްޓާ ސިޓީ ދޫކޮށްލާނަމަ ފޯވަޑް އާލިން ހާލަންޑް ވެސް ޓީމު ދޫކޮށްލަން ތައްޔާރުވާން ފަށައިފި އެވެ.
އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި ސިޓީގެ އެންމެ ނުރައްކާތެރި ފޯވަޑް މިހާރު ވަނީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އޮފާއެއް ލިބިއްޖެނަމަ އެކަމާ މަޝްވަރާ ކޮށްދޭން ކުލަބުގައި އެދިފަ އެވެ. ސިޓީއާއެކު ހާލަންޑް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަށް އަހަރު އެބައޮތެވެ. ނަމަވެސް މި ކޮންޓްރެކްޓްގައި ހިމެނޭ މާއްދާތަކުން ބޮޑު ކުލަބަކުން އޮފާއެއް ލިބިއްޖެނަމަ އެކަމާ މަޝްވަރާ ކުރުމުގެ ބާރު ހާލަންޑަށް ލިބިދެ އެވެ.
މިވަގުތު ފޯމު ކަޓާފައި ހުރި ނޯވޭގެ ފޯވަޑް ސިޓީ އެންމެ ފަހުން ކުޅުނު 19 މެޗުގައި ޖަހާފައިވަނީ ފަސް ގޯލެވެ. ނަމަވެސް ޔޫރަޕުގައި ހުރި އެންމެ ނުރައްކާތެރި ފޯވަޑް ގަތުމަށް ސްޕޭނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަނުގެ ބަޔާން މިއުނިކް ޝައުގުވެރި އެވެ.
މީގެ ތެރެއިން ހާލަންޑްގެ ޝައުރުވެރިކަން ބޮޑީ ބާސެލޯނާ އަށް ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް އެ ކުލަބުން އޭނާ ގަންނާނީ އެކަށީގެންވާ އަގެއްގައި އެކަމަށް ފުރުސަތު ލިބޭނަމަ އެވެ. އެއީ 80 މިލިއަން ޑޮލަރަށް ވުރެ ބޮޑު ނުވާނަމަ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.
އާއިލާ އަށް ވަގުތު ދިނުމަށާއެކު ގާޑިއޯލާ މި ސީޒަނަށް ފަހު ސިޓީ ދޫކޮށްލުން ގާތެވެ. ނަމަވެސް ރަސްމީކޮށް އޭނާ މިވާހަކަތަކާ މެދު ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު ހުސްވި އަހަރު އޭނާގެ އަންހެނުން ވަރިވާން ކޯޓަށް ދިއުމާއެކު އެކަން ހައްލު ކުރީ ސިޓީއާއެކު އޮތް ކޮންޓްރެކްޓް ހަމަވުމުން އެ ކޮންޓްރެކްޓް އާނުކޮށް އެނބުރި ސްޕޭނުގައި ދިރިއުޅެން ގާޑިއޯލާ އެއްބަސްވެގެން ކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.