ޚަބަރު

މާލެ ސަރަޙައްދުގައި މާދަމާ ޢާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ވަގުތުތަކަށް ބަދަލެއް


  • މާދަމާ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ޖަހާއިރު

  • ފެރީ ދަތުރުތައް ފަށާ ގަޑިތައްވެސް ވަނީ އާންމުކޮށްފައި

މާދަމާ މާލެ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދޭނެ ވަގުތުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން އާންމުކޮށްފިއެވެ.

އެމްޓީސީސީން ވަނީ މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތާއި ފެރީގެ ޚިދުމަތްދޭނެ ވަގުތު އާންމުކޮށްފައެވެ. މިގޮތުން މާލެ ސަރަޙައްދުގައި މާދަމާ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ޖަހާއިރުއެވެ. ނަމަވެސް ހުޅުމާލެ ދެފިޔަވައްސާއި މާލެއިން އެއަޕޯޓަށް ކުރާ ދަތުރުތައް އެއަށްވުރެ ކުރިން ފަށާނެއެވެ. މިގޮތުން ހުޅުމާލެ ދެ ފިޔަވަހިންވެސް އެއަޕޯޓަށް ބަސްދަތުރުތައް ފަށާނީ ފަތިހު 5:30 އިން ފެށިގެން 6:35 އާ ހަމައަށެވެ. އަދި މާލެއިން އެއަރޕޯޓަށް ބަސްދަތުރު ފަށާނީ ހެނދުނު 6:40 ގައެވެ. އަދި ވިލިމާލޭގައި ބަހުގެ ޚިދުމަތް ހެނދު 6:00 އިން 8:00 އަށް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ.

އެމްޓީސީސީން ވިދާޅުވީ އީދު ދުވަހާ ގުޅިގެން މާލެއިން ވިލިމާލެއަށް ކުރާ ފެރީ ދަތުރުތަކުގެ ތެރެއިން ޢީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ އޮންނާނީ ހެނދުނު 6:30 ގައި ކަމަށެވެ. އަދި ޢީދުނަމާދަށް ފަހު 8:00 ކަހާއިރު ދަތުރުތައް ފަށާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މީގެ އިތުރުން މާލެއިން ހުޅުމާލެއަށް ކުރާ ފެރީ ދަތުރުތައް ފަށާނީ މެންދުރު 14:00ގައެވެ. މީގެ އިތުރުން އަންނަ ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީޓާމިނަލްއިން ލަފާ ފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލްއާއި ހުޅުމާލެ ފެރީޓާމނަލް މެދުވެރިކޮށް ލަފާ ފުރާ ގޮތަށް ވަނީ ބަދަލުގެނެސްފައެވެ.

އެމްޓީސީސީން ވިދާޅުވީ ޢީދު ދުވަހު މާލެއާއި ތިލަފުއްޓާ ދެމެދު ދަތުރުތައް ފަށާނީ ހެނދުނު 8:30ގެ ފަހުން ކަމަށެވެ. އަދި ޢީދު ދުވަހާ ގުޅިގެން އާދިއްތަ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ ހުޅުމީދޫ، ފޭދޫ އަދި ފުވައްމުލައް ރޫޓުގެ ކާގޯ ފެރީ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ.