އެމެރިކާއާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އީރާނުގެ 'ދެކުނު ޕާސް' ގޭސް ދަނޑުތަކަށް ދިން ނުރައްކާތެރި ޙަމަލާގެ ބަދަލުހިފުމުގެ ގޮތުން، ގަލްފުގެ ޤައުމުތަކުގެ ހަކަތައިގެ ބިނާރުތަކަށް އީރާނުން ދިން ޙަމަލާތަކުގެ ތެރެއިން ޤަތަރުގެ ގޭސް އުފައްދާ މައި މަރުކަޒަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.
ޤަތަރުގެ ޚާރިޖީ ވުޒާރާއިން ބުނީ، އީރާނުގެ ޙަމަލާ އަމާޒުވި ރާސު ލިއްފާން ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ޙަމަލާ އަމާޒުވި ސަރަޙައްދުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެ ވުޒާރާއިން ބުންޏެވެ.
ރާސު ލިއްފާނަކީ ދުނިޔޭގެ އެންމެ ބޮޑު ގޭސް އުފައްދާ މަރުކަޒެވެ. އެ ވުޒާރާއިން ވަނީ އީރާނުން ދިން ޙަމަލާ ކުށްވެރިކޮށް، އެ ޙަމަލާގައި އެ މަރުކަޒަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ބުނެފައެވެ.
ރާސު ލިއްފާންގެ އިތުރުން ވެސް ޤަތަރުގައި ހުންނަ އެހެން ގޭސް އުފައްދާ މަރުކަޒުތަކަށް ވެސް ޙަމަލާދޭން އީރާނުން މަސައްކަތް ކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އީރާނުން ބުނީ، މިއީ އެމެރިކާގެ ފުރިހަމަ ތާޢީދާއެކު ޔަހޫދީން ހިންގި ޖަރީމާއަށް ދީފައިވާ ޙައްޤު ރައްދެއް ކަމުގައެވެ. އަދި އީރާނުގެ ތެލާއި ގޭސް އުފައްދާ މަރުކަޒުތަކަށް ޙަމަލާދެމުންދާނަމަ، މުޅި މެދުއިރުމަތީގެ ހަކަތައިގެ ސިނާއަތް ސުންނާފަތިކޮށްލާބެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.
ޤަތަރުގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އާއި އެކުވެރި ޢަރަބި ޢީމާރާތް، ޔޫއޭއީގެ ތެޔޮ އަދި ގޭސް އުފައްދާ ކާރުޚާނާތަކަށް އީރާނުން ޙަމަލާދީފައިވާކަމަށް އެ ޤައުމުތަކުން ވަނީ ބުނެފައެވެ.
އީރާނުގެ މި ޙަމަލާއާ އެކު މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް ނުރައްކާތެރި ފައްތަރަކަށް ވައްޓާލާފައިވާކަމަށް ޤަތަރުން ބުނެފައިވެއެވެ.
އެއާއެކު، ޤަތަރުގައި ހުންނަ އީރާނު އެމްބަސީގައި މަސައްކަތް މުވައްޒަފުން 24 ގަޑިއިރުގެ ތެރޭގައި އަނބުރާ ގެންދަން ޤަތަރުން ވަނީ އަންގައިފައެވެ. މި ފިޔަވަޅު އެޅިނަމަވެސް، އީރާނާ އެކު ޚާރިޖީ ގުޅުން ކަނޑައިލަން ޤަތަރުން އަދި ނުނިނަމައެވެ.
ފެބްރުއަރީ 28ގައި ފެށުނު މި ހަނގުރާމައާ އެކު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 108 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލި، އެމެރިކާގައި ޑީސަލްގެ އަގު ވަނީ 5 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. އަދި ގަލްފުގެ ތެލާއި ގޭހުގެ ކާރުޚާނާތަކަށް ސީދާ ޙަމަލާތައް ދޭން ފަށައިފިނަމަ، ތެލާއި ގޭހުގެ ސަޕްލައި އިތުރަށް ތާށިވެ، އަގުތައް މިހާރަށްވުރެ ވެސް މަތިވާނެކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ.