އީރާނުގެ ދެކުނު ޕާޒް ގޭސް ދަނޑާ ގުޅުންހުރި ގޭސް އުފައްދާ މަރުކަޒުތަކަށް ޔަހޫދީން ދިން ޙަމަލާ ޤަޠަރުން ކުށްވެރިކޮށްފިއެވެ.
އީރާނުގެ ޕާޒް ގޭސް ދަނޑަށް އަމާޒުވި ޙަަމަލާއަކީ ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށި ފަހުން އީރާނުގެ ހަކަތައާ ބެހޭ ބިނާރަކަށް ދީފައިވާ ފުރަތަމަ ޙަމަލާއެވެ. އެއާއެކު އީރާނުން ވަނީ އަވަށްޓެރި ޤައުމުތަކުގައި ހުރި ހަކަތައާބެހޭ ބިނާރުތައް ހުސްކުރުމަށް އިންޒާރުދީފައެވެ.
ޔަހޫދީންގެ ޙަމަލާއާ ގުޅިގެން ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، މާޖިދު އަލްއަންޞާރީ ވިދާޅުވީ މެދުއިރުމަތި ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ޤަޠަރުގެ އިރުމަތީ ގޭސް ދަނޑާ ގުޅިފައިވާ އީރާނުގެ ދެކުނު ޕާޒް ގޭސް ގުޅުންހުރި މަރުަކަޒުތަކަށް ޔަހޫދީން ޙަމަލާ ދިނުމަކީ ނުރައްކާތެރި އަދި ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ. ހަކަތައާ ގުޅުންހުރި ބިނާރަށް އަމާޒުކޮށް ޙަަމަލާ ދިނުމަކީ ދުނިޔޭގެ ހަކަތަ ކަށަވަރުކުރުމަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށާއި ތިމާވެއްޓަށް ވެސް އޮތް ނުރައްކަލެއް އޭނާ ވިދާޅުވެފައިވެއެވެ.
ޔަހޫދީންނާއި އެމެރިކާގެ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ ޔަހޫދީ ދައުލަތާއި މެދުއިރުމަތީގައި އޮތް އެމެރިކާގެ މަޞްލަޙަތުތަކަށް ޙަމަލާ ދެމުންނެވެ. އަދި ތެލާއި ގޭސް އުފުލާ މައި މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި ވަކި އުޅަނދުތަކަކަށް ނޫނީ ހުރަސްނުކުރެވޭ ގޮތަށް އީރާނުން ވަނީ ބަންދުކޮށްފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ އިންތިހާ ދަރަޖައަށް އުފުލެމުންނެވެ.