ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ ދަތިކަން ކުރިމަތިވެދާނެތީ، ތެޔޮ އިޤްތިޞާދު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސްރީ ލަންކާގެ ސަރުކާރުގެ މުއައްސަސާތަކަށް ކޮންމެ ބުދަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި އެޤައުމުން ކަނޑައަޅައިފިއެވެ.
މިއީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވެ، ގަލްފުގެ ޤައުމުތަކުން އޭޝިއާ ސަރަހައްދަށް އުފުލާ ތެޔޮ ސަޕްލައި މެދުކެނޑުމާ ގުޅިގެން، އޭޝިއާގެ ޤައުމުތަކުން ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. ފާއިތުވި އަހަރު އެ ކަނޑުއޮޅިން ދަތުރުކުރި ތެލާއި ގޭހުގެ ގާތްގަނޑަކަށް %90 އަކީ އޭޝިއާ ސަރަހައްދަށް އިންޕޯޓްކޮށްފައިވާ ތެލެވެ.
މިކަމާ ގުޅިގެން ސްރީ ލަންކާގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް އަނޫރަ ކުމާރަ ޑިސަނަޔެކަ ވިދާޅުވީ އެންމެ ރަނގަޅު ހާލަތަށް އުންމީދުކުރިނަމަވެސް އެންމެ ނުރައްކާތެރި ހާލަތު މެދުވެރިވެދާނެކަމަށް ތައްޔާރަށް ތިބުމަކީ މުހިއްމުކަމެއްކަމަށެވެ.
ސްރީލަންކާގައި އަލަށް ތައާރަފުކުރި ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ އުސޫލު ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ވެސް ހިނގާނެއެވެ. ނަމަވެސް، ސިއްޙީ ޚިދުމަތާއި އިމިގްރޭޝަން ފަދަ ޒަރޫރީ ޚިދުމަތްދޭ ދައުލަތުގެ އިދާރާތަކަށް މި ބަދަލެއް ނާންނާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
އިތުރު ބަންދު ދުވަހެއްގެ ގޮތުގައި ހުކުރު ދުވަހުގެ ބަދަލުގައި ބުދަ ދުވަސް ކަނޑައެޅީ، ސަރުކާރުގެ އޮފީސްތައް ވިދިވިދިގެން ތިން ދުވަހަށް ބަންދުވިޔަ ނުދިނުމަށްޓަކައި ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
މީގެ އިތުރުން، އުޅަނދު ދުއްވާ ފަރާތްތަކުން މިހާރު 'ނޭޝަނަލް ފިއުލް ޕާސް' އެއްގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. މިއީ ވަކި މިންވަރަކަށް ތެޔޮ ދޫކުރުމަށް (ރޭޝަން ކުރުމަށް) ތަޢާރަފުކުރި ނިޒާމެކެވެ. ނަމަވެސް، އަމިއްލަ ކާރުތަކަށް 15 ލިޓަރު އަދި ސައިކަލްތަކަށް 5 ލިޓަރުގެ މަދު މިންވަރެއް ކަނޑައަޅާފައިވާތީ، ބައެއް ރައްޔިތުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
މި ނިޒާމަށް އެންމެ ފުރަތަމަ އަމަލުކުރަން ފެށީ 2022 ވަނަ އަހަރު ސްރީލަންކާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އިޤްތިޞާދީ ކާރިސާގެ ތެރޭގައެވެ. އެ ދުވަސްވަރު ބޭރު ފައިސާގެ ރިޒާވް ހުސްވެ، ޒަރޫރީ މުދަލާއި ތެޔޮ އެތެރެކުރުމަށް އެޤައުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 100 ޑޮލަރުގައެވެ.
އޭޝިއާގެ އެކި ޤައުމުތަކުންވެސް ދަނީ އިޤްތިޞާދު ކުރުމުގެ އެކި ފިޔަވަޅުތައް އަޅަމުންނެވެ.
އެގޮތުން ތައިލޭންޑުގައި އެއާކޮންޑިޝަން ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި، ކޯޓު ފަދަ ހެދުންތަކުގެ ބަދަލުގައި އަތްކުރު ޓީޝާޓު ބޭނުންކުރުމަށް ސަރުކާރުން ބާރުއަޅަމުންދާއިރު، މިޔަންމާގައި އަމިއްލަ އުޅަނދުފަހަރު ދުއްވޭނީ ލައިސަންސް ޕްލޭޓް ނަންބަރަށް ބަލައި، ކަނޑައެޅޭ ވަކި ދުވަސްތަކެއްގައެވެ.
މީގެ އިތުރުން، ބަންގްލަދޭޝްއިން ވަނީ ހަކަތަ އިޤްތިޞާދު ކުރުމަށްޓަކައި ޔުނިވަރސިޓީތަކުގެ ރަމަޟާން މަހުގެ ބަންދު އަވަސްކޮށް، މުޅި ޤައުމުގައި ތާވަލުކޮށްގެން ކަރަންޓު ކަނޑާލުމުގެ އުސޫލެއް ތަޢާރަފުކޮށްފައެވެ.
ފިލިޕީންސްގައި ބައެއް ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ހަފުތާއަކު މަދުވެގެން އެއްދުވަހު ގޭގައި ތިބެގެން މަސައްކަތްކުރާގޮތަށް ހަމަޖައްސާފައިވާއިރު، އެ ޤައުމުގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވަނީ ސަރުކާރުގެ ދާއިރާތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މަނާކުރައްވާފައެވެ.
މީގެ އިތުރުން، ވިއެޓްނާމުން ގެންދަނީ ތެޔޮ އިޤްތިޞާދު ކުރުމުގެ ގޮތުން ގޭގައި މަޑުކުރުމަށް އެޤައުމުގެ ރައްޔިތުންނަށް ބާރުއަޅަމުންނެވެ. އަދި ބައިސްކަލް ދުއްވުމަށާއި، ގިނަ މީހުން އެއްކޮށް ދަތުރުކުރުމަށާއި، އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމުގެ އިތުރުން، ކޮންމެހެން ބޭނުންވެގެން ނޫނީ އަމިއްލަ އުޅަނދުފަހަރު ބޭނުންނުކުރުމަށް ވެސް އެޤައުމުގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.