ޚަބަރު

ޓްރަމްޕް ނޭޓޯއަށް: ހަނގުރާމައިގައި ބައިވެރިނުވުމަކީ ހެދޭ "ބޮޑު ގޯހެއް"


ޔަހޫދީ ދައުލަތާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، ހުޅަނގުގެ ދިފާޢީ އިއްތިޙާދުން (ނޭޓޯ) އެހީތެރިކަން ފޯރުކޮށްދިނުމަށް އިންކާރު ކުރުމުން ރައީސް ޑޮނަލްޑް ޓްރަމްޕް އެ އިއްތިޙާދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބަހުގެ ޙަމަލާތަކެއް އަމާޒުކުރައްވައިފިއެވެ. އަޔަލެންޑްގެ ބޮޑުވަޒީރު މައިކަލް މާޓިންއާ އެކު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ނާޒުކު ދަނޑިވަޅުގައި އެކަހެރިވެ ތިބުމަށް އެ އިއްތިޙާދުން ނިންމި ނިންމުމަކީ "ވަރަށް ބޮޑު ގޯހެއް" ކަމަށާއި، އެއީ "މޮޔަ" ނިންމުމެއް ކަމުގައެވެ.

އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ތިންވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، އީރާނުން ދަނީ އެމެރިކާއާއި ޞަހްޔޫނީ ދައުލަތުގެ އިސްތިޢުމާރީ ޙަމަލާތަކުން ދިފާޢުވުމުގެ ގޮތުން ހުރުމުޒް ކަނޑުއޮޅި ބަންދުކޮށް، ޑްރޯނާއި މިސައިލް އަދި މައިން ބޭނުންކޮށްގެން ރައްދު ޙަމަލާ ދެމުންނެވެ. ދުނިޔޭގެ ތެލުގެ %20 އުފުލާ މި ކަނޑުއޮޅި ބެލެހެއްޓުމަށް ޓްރަމްޕް ކުރެއްވި އިލްތިމާސަށް ނޭޓޯގެ ޤައުމުތަކުން ވަނީ ފުރަގަސްދީ، އެހީތެރިކަން ދިނުމަށް އިންކާރުކޮށްފައެވެ. "ނޭޓޯއިން އެ ހަދަނީ ވަރަށް ބޮޑު ގޯހެއް. އެންމެން ވެސް އަހަރެމެންނާ އެއްބަސްވޭ، އެ ކަމަކު އެހީތެރިވާކަށް ބޭނުމެއް ނުވޭ. މިއީ ވަރަށް ހައިރާންކުރުވަނިވި ކަމެއް،" ޓްރަމްޕް ވިދާޅުވިއެވެ.

ނޭޓޯގެ ޤައުމުތަކުން އެމެރިކާއާއި ޔަހޫދީ ދައުލަތުގެ އިއްތިޙާދަށް ތާއީދުކުރާ ކަމުގައި ބުނި ނަމަވެސް، އަމަލީ ގޮތުން ހަނގުރާމައިގައި ބައިވެރިވުމަށް ވަނީ ފަސްޖެހިފައެވެ. މި މައްސަލައިގައި ނޭޓޯއިން ވަކިވާނެ ކަމަށާއި، ނޭޓޯއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލައްވާނެ ކަމުގައި ވިދާޅުވެ ޓްރަމްޕް ދާދި ފަހުން ވަނީ އިންޒާރު ކުރައްވާފައެވެ. މި ކަމާ ގުޅިގެން ވަކި ފިޔަވަޅެއް އެޅުމަށް އަދި ނިންމާފައި ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މީސްމީޑިޔާގައި ޓްރަމްޕް ވަނީ ވަރަށް ހަރުކަށި އިބާރާތުން ނޭޓޯއަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ. "އަޅުގަނޑުމެންގެ އަސްކަރީ ކާމިޔާބީގެ ސަބަބުން، ނޭޓޯގެ އެހީތެރިކަން ދެން ބޭނުމެއް ނުވޭ، ކުރިން ވެސް ބޭނުމެއް ނުވޭ!" ޓްރަމްޕް ލިޔުއްވިއެވެ. އޭނާ ވަނީ ޚާއްޞަކޮށް ޖަޕާން، އޮސްޓްރޭލިއާ އަދި ދެކުނު ކޮރެއާގެ އެހީތެރިކަން ނުލިބޭތީ އެ ޤައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް، ހަނގުރާމައިގައި ބައިވެރިވުމަށް އެދި ޓްރަމްޕް މީގެ ކުރިން ނޭޓޯގެ ކިބައިން އާދޭސް ދަންނަވާފައިވެއެވެ.