ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށްފިއެވެ. މި ދެއިދާރާގެ މުސާރާ އެއްހަމަކޮށްފައިވަނީ އެކަމަށް މިއަހަރުގެ ބަޖެޓުގެ ހިމަނައިގެންނެވެ.
ކަސްޓަމްސް އަދި ކަރެކަޝަނަލް ސާވިސްގެ މުސާރައަށް ގެނައި ބަދަލު މާރިޗު 1 އިން ފެށިގެން ތަންފީޒުކުރަން ފަށާފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ބަދަލާއެކު އެ ދެއިދާރާގެ މުވައްޒަފުންނަށް މިހާރު މުސަރާ ދެމުންދާ އޮނިގަނޑު ބަދަލުވެ، މުސާރާއިގެ ކުރިއެރުން ލިބޭނެއެވެ.
ޕޭ-ހާމަނައިޒޭޝަން ނުވަތަ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އެއް ހަމަކުރަމުން ދަނީ އެކި ދާއިރާތަކައް ބަހާލައިގެންނެވެ. މިގޮތުން މިދިޔަ އަހަރު ޕޭއި ހަމަނައިޒޭޝަން ސިޔާސަތުގެ ދަށުން މުސާރައިގެ ކުރިއެރުން ސިވިލް ސާވިސް އަދި ޖުޑީޝަރީގެ މުވައްޒަފުންނަށް ވަނީ ދީފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ ގޮތަށް މިހާރު މުސާރައިގެ ކުރިއެރުން ލިބިފައިވާ ނުވާ އިދާރާތަކުގެ މުވައްޒަފުންނަށް މިއަހަރު މުސާރަ އެއްހަމަ ވެގެންދާނެ ކަމަށް ސަރުކާޜުން ވިދާޅުވިއެވެ.
މާލީ ވުޒާރާއިން ހާމަކުރާ ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުގެ ސަޤާފަތެއް އާލާކުރުމަށް ކަމަށެވެ.
މީގެ އިތުރަށް މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭގޮތަށް، ވަރކް-ލައިފް ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހި ކުރުން ހިމެނޭ ކަމަށްވެސް މާލީ ވުޒަރާއިން މައުލޫމާތުދެއެވެ.
ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމުގެ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.