ޚަބަރު

22 މީހުން މަރުވި ހާދިސާއަށް 22 އަހަރު


  • ބޯޓުން 122 މީހުން ދަތުރުކުރި

  • 22 މީހުން މަރުވެ، 2 މީހުން ގެއްލުނު

  • ހާދިސާ ހިނގީ 17 މާޗު 2004ގައި

މީގެ 22 އަހަރު ކުރިން، 2004 ވަނަ އަހަރުގެ މާޗުމަހުގެ 17 ވަނަ ދުވަހު 122 މީހުންނާއެކު ގއ.ވިލިނގިލިން ފުރައިގެން ގދ.ތިނަދުއަށް "އެނަމާ" ބޯޓު ދަތުރުކުރީ ފުޓުބޯޅަ މެޗެއް ބެލުމަށް ފަހުއެވެ. އާއިލާއާއި ރައްޓެހިންނާ، އުމުރުން އަހަރު ނުވާ ތުއްތު ކުއްޖަކުވެސް މި ދަތުރުގެ ބައިވެރިންގެ ތެރޭގައި ހިމެނުނެވެ.

އުފާވެރިކަމުގެ އެ ދަތުރު ހިތާއާއި ބިރުވެރި ކަމަކަށް ބަދަލުވީ، ބޯޓު ބަންޑުން ޖަހާލާ ހިނގި ނުރައްކާތެރި ޙާދިސާއެވެ. ބުނެވޭގޮތުގައި އެނަމާ ބޯޓު ބަންޑުންޖަހާލީ، ކައިރިންދިޔަ ދޯންޏެއްގެ ރާޅު ބާނީގައި ޖެހިއެވެ. ނަމަވެސް ކާރިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ނޭނގެއެވެ.

އެ ހާދިސާގައި 22 މީހުން ދުނިޔެއާއި ވަކިވެގެން ދިޔައިރު، 2 މީހަކު ވަނީ ގެއްލިފައެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާރިސަގެ ޙާލަތު އިޢުލާނުކުރި ޙާދިސާއެވެ.

އޭރުގެ ވާހަކަތަކަށް ބަލާއިރު އެ ހާދިސާ އެންމެ ގާތުން ފެނުނީ ދާންދޫ "މިޔަރެން" ދޯންޏަށެވެ. ނަމަވެސް ކަނޑުވެފައި ތިބި މީހުން ކުރަމުންދިޔަ އާދޭހަށް ބީރުކަންފަތެއްދީ، މިޔަރެން ދޯނި އެ ސަރަޙައްދުން ދިޔައީ އެ ދޯނިން ބޭނި 12 ޓަނުގެ މަސް ހަލާކުވެދާނެތީ އެ ކިރަން ދާންށެވެ.

ކަނޑުވެފައި ތިބި މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ގއ.ދެއްވަދޫ "އަރުތަ" ދޯންޏެވެ. ނަމަވެސް އެއިރަކީ ސިއްޙީ ކުއްލި ފަރުވާދޭން ތަޖުރިބާހުރި މީހުން މަދު އިރަކަށްވުމާއި "ފަސްޓް އެއިޑް" ދޭން އިނގޭ މީހަކު ނެތުމާއި އެކަމަށް ބޭނުންވާ ވަސީލަތްތައްވެސް ނެތުމަކީ ހާލު ދެރަވި ގިނަ ބައެއްގެ ފުރާނަ ދާން މެދުވެރިވި އެއް ސަބަބެވެ. ގިނަ ބަޔަކު ޙާލު ދެރަވީ ލޮނުބޮވުމާ ހާސްކަމާ ވަރުބަލިވެގެންނެވެ.

ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށްވެސް އެތައް ގޮންޖެހުމަކާ ކުރިމަތިވިއެވެ. އެކަމަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ވަސީލަތްތަކެއްވެސް އެކަށީގެންވާ ގޮތެއްގައި ނެތެވެ. ސަރޗް އެންޑް ރެސްކިއުގެ މަސައްކަތްތައް ހަލުވިކުރެވުނީ މާލެއިން އެކަމަށް ޓީމެއް ގޮސްގެންނެވެ.

ނިޔާވި 22 މީހުންގެ ކަށުކަމާ ކެމީގެ ކަންކަމުގައި ކެތްތެރިކަމާއެކު ރަށުގެ ރައްޔިތުން އެތައް ވަގުތެއް ހޭދަކުރަންޖެހުނެވެ. ނިޔާވި މީހުން ވަޅުލާފައިވަނީ ކޮނެފައިވާ ބޮޑު އެއް ވަޅެއްގައެވެ. މިޙާދިސާގައި ވަކިވެގެންދިޔަ މީހުންގެ މައްޗަށް މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރިއެވެ.

ބޯޓު ބަންޑުން ޖަހާލިއިރު، ތިބި މީހުންނާއި އެ ޙާދިސާގެ އަސަރުކުރި އާއިލާތަކާއި ތިނަދޫގެ ރައްޔިތުން މިއަދުވެސް އެ ހިތްދަތި ހަނދާންތައް އެ އަސަރާއެކު އާކުރެއެވެ.